ޚަބަރު

މިނިސްޓަރ ޒަމީރު، ބަޙްރައިންގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި

Ref: 2024/PR/248

މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު، ބަޙްރައިންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުލްލަޠީފް ބިން ރާޝިދު އަލް ޒަޔާނީއާ މިއަދު މަނަމާގައި ބައްދަލުކުރައްވައިފިއެވެ.

ބަޙްރައިންގެ ޚާރިޖީ ވުޒާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ބަޙްރައިންއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުމުގެ މައްޗަށް ދެވަޒީރުން އަލިއަޅުވާލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ރާއްޖެއާއި ބަޙްރައިންއާ ދެމެދު ސިޔާސީ މަޝްވަރާތައް ފުރުތަމަ ބައްދަލުވުން ބޭއްވުމާ ބެހޭގޮތުންވެސް ދެ ވަޒީރުން މަޝްވަރާ ކުރެއްވިއެވެ.

މިނިސްޓަރ ޒަމީރު ވަނީ ބަޙްރައިންއިން ރާއްޖެއަށް ޒަމާނުއްސުރެ ބަހައްޓަމުންއައި ގާތްކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ދަތުރުފުޅަށްފަހު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި އެމްބެސެޑަރ އެޓް ލާޖް، އަޙްމަދު ނަސީރު، ސެކްރެޓަރީ، ބައިލެޓަރަލް، ޑޮކްޓަރ ހާލާ ޙަމީދު، ޖޮއިންޓް ސެކްރެޓަރީ، މަރްޔަމް ރީޝާ އަދި އެސިސްޓެންޓް ޑިރެކްޓަރ، މިޒްނާ ވަޙީދު ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960