ޚަބަރު

މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު، އަންނަ ޖޫން މަހުގެ 3 އިން 6 އަށް ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ

Ref: 2024/PR/125

އަންނަ ޖޫން މަހުގެ 3 އިން 6 އަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު، ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅަކީ ސްރީލަންކާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިސް އެކްސެލަންސީ އެމް.ޔޫ.އެމް. ޢަލީ ސަބްރީގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. 

އެ މަނިކުފާނުގެ މި ދަތުރުފުޅުގައި އެ ޤައުމުގެ ސަރުކާރުގެ އިސް ބޭފުޅުންނާއި ބައްދަލު ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި އެޤައުމުގެ ރައީސް، ހިސް އެކްސަލަންސީ ރަނިލް ވިކްރަމަސިންގްހެ އާއި ބޮޑުވަޒީރު، ހިސް އެކްސަލަންސީ ޑިނޭޝް ގުނަވަރދެނާ ހިމެނެއެވެ. އަދި އެ ޤައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވާ ރަސްމީ ވާހަކަތައް ދެއްކުމަށް ހަމަޖެހިފައިވެއެވެ. ރަސްމީ ވާހަކަތަކުގެ ތެރޭގައި ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން ހަރުދަނާ ކުރުމުގެ މަޝްވަރާތައް ކުރިއަށްދާނެއެވެ. އަދި މީގެ އިތުރުން ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދާ ދިނުމާ ގުޅޭގޮތުން މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ. 

ފޮރިން މިނިސްޓަރ މޫސާ ޒަމީރު ސްރީލަންކާއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅަކީ، އެ މަނިކުފާނު މިނިސްޓަރ ކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ސްރީލަންކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960