މާލޭގެ ރައްޔިތުންނަށް މިވަގުތު ދިމާވެފައިވާ ފެނުގެ ޙާލަތާ ގުޅޭގޮތުން، ބަންގްލަދޭޝް ސަރުކާރުން ވެދެއްވެން އޮތް އެޙީތެރިކަމެއް ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔމަށް ދެއްވައިފިއެވެ. ބަންގްލަދޭޝް ސަރުކާރުން މިޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައިވަނީ، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ، ރައީސުލްޖުމްހޫރިއްޔާއާ މިއަދު ހެނދުނު ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބޮޑުވަޒީރު ޝައިޚް ޙަސީނާ ރައީސުލްޖުމްހޫރިއްޔާއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި، މާލޭގެ މިހާރުގެ ޙާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައި، އެކަމާ ބެހޭ މަޢުލޫމާތު އޮޅުންފިލުއްވިއެވެ. އަދި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ގޮތުން، ފެން އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ ބަންގްލަދޭޝްގެ ޚާއްޞަ މަނަވަރެއް ދިވެހިރާއްޖެއަށް ފޮނުއްވުމަށް ހަމަޖެހިވާކަމަށާއި، މިމަނަވަރު މިހިނގާ ޑިސެމްބަރުމަހުގެ 11 ވަނަ ދުވަހު ރާއްޖެއަށް ފޯރާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރު އިސްވެ އެމަނިކުފާނަށް ގުޅުއްވާލެއްވީތީ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މާލެއަށް ކުރިމަތިވެފައިވާ މި ހިތާމަވެރި ހާދިޞާގައި ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި، ބޮޑުވަޒީރު ޝައިޚް ޙަސީނާއަށާއި، ބަންގްލަދޭޝްގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި، އަދި ޚާާއްޞަކޮށް ވެރިރަށް މާލޭގައި ވަރަށް ގިނަ ޢަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން ދިރިއުޅެމުންދާކަން ފާހަގަކުރައްވަމުން، ދިވެހި ރައްޔިތުންނެކޭ އެއްފަދައިން އެފަރާތްތަކަށްވެސް ދަތިތަކާ ކުރިމަތިވާކަން އިޙްސާސްކުރެއްވޭކަމުގައި ވިދާޅުވިއެވެ. އަދި، ސަރުކާރުން ފެން ފޯރުކޮށްދެއްވުމުގައި އެއްވެސް ތަފާތުކުރެއްވުމެއްނެތި، އެފަރާތްތަކަށްވެސް ފެންފޯރުކޮށްދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.