Ref: 2025/PR/371
މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ އަރިހަށް އެމެރިކާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޫގޯ ޔޮން، ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިއަދު ހެނދުނު ބޭއްވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވަނީ ސަފީރު ހޫގޯ ޔޮންގެ ސަފީރުކަމުގެ ދައުރުގައި އެމަނިކުފާނު ކޮށްދެއްވާފައިވާ މުޙިންމު މަސައްކަތްތައް ފާހަގަކުރައްވައި، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ކުރިއެރުވުމަށްޓަކައި އެމަނިކުފާނު ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރުއަދާކުރެއްވިއެވެ.
އެމެރިކާގެ ސަފީރު ހޫގޯ ޔޮންގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދިވެހި ސަރުކާރުން ބެހެއްޓެވި ގާތްކަން ފާހަގަކުރައްވައި، އެމަނިކުފާނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ދެއްވި އެއްބާރުލެއްވުމަށް ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިޔަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.
ވަޒީރު ޑރ. ޚަލީލް ވަނީ އެމެރިކާ ސަފީރުކަމުގައި ހޫގޯ ޔޮން ހުންނަވައިގެން ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކުރައްވައި ދިވެހިރާއްޖެ އާއި އެމެރިކާއާ ދެމެދުގައިވާ އޮތް ވަރުގަދަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން، ވަޒީރު ޑރ. ޚަލީލްވަނީ، އެމެރިކާގެ ސަފީރު އެމަނިކުފާނުގެ ދައުރުގައި ބެހެއްޓެވި ގާތް ރަޙްމަތްތެރިކަން ފާހަގަކުރައްވާފައެވެ. އަދި ސަފީރަށް ކުރިއެރުމާއި ކާމިޔާބީ އަށް އެދިވަޑައިގެން، އެމެރިކާ ސަރުކާރުން ރާއްޖެއަށް ދެން ކަނޑައަޅުއްވާ އައު ސަފީރަށްވެސް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.
ވަޒީރު ޑރ. ޚަލީލްގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާޠިމަތު ޢިނާޔާ އާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ޝެރީނާ ޢަބްދުއްޞަމަދު އާއި ސެކްރެޓަރީ ޑރ. ހާލާ ޙަމީދު އާއި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަޙްމަދު ހާނީ ނަޢީމްގެ އިތުރުން އެސިސްޓަންޓް ޑިރެކްޓަރ އާމިނަތު ވަރުދާ ބައިވެރިވެވަޑައިގެންނެވިއެވެ.
ނިމުނީ.