ޚަބަރު

ގިނަ ބާރުތަކެއްގެ ވާދަވެރިކަން އިތުރުވެފައިވާ ދުނިޔެއެއްގައި، ހަމަޖެހުމާއި ސަޤާފީ ވިލުންތެރިކަން އިތުރުކުރުމަށް މަޝްވަރާ އިތުރުކުރުމަކީ މުހިންމުކަމެއްކަމުގައި ޚާރިޖީ ވަޒީރު ޑރ.ޢަބްދުالله ޚަލީލް ވިދާޅުވެއްޖެ
Featured

ގިނަ ބާރުތަކެއްގެ ވާދަވެރިކަން އިތުރުވެފައިވާ ދުނިޔެއެއްގައި، ހަމަޖެހުމާއި ސަޤާފީ ވިލުންތެރިކަން އިތުރުކުރުމަށް މަޝްވަރާ އިތުރުކުރުމަކީ މުހިންމުކަމެއްކަމުގައި ޚާރިޖީ ވަޒީރު ޑރ.ޢަބްދުالله ޚަލީލް ވިދާޅުވެއްޖެ

Ref: 2025/PR/372

އ.ދ.ގެ އެލަޔަންސް އޮފް ސިވިލައިޒޭޝަންސް (ޔޫ.އެން.އޭ.އޯ.ސީ) ގެ 11 ވަނަ ގްލޯބަލް ފޯރަމްގައި ޚާރިޖީ ވަޒީރު ޑރ.ޢަބްދުالله ޚަލީލް މިއަދު ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވައިފިއެވެ.  

މި ބައްދަލުވުމުގައި ދުނިޔޭގެ ތަފާތު ޘަޤާފަތްތަކާއި އެކި މުޖުތަމަޢުތަކުގެ މެދުގައި ބައިބައިވުން އުފެދިފައިވާ މައިގަނޑު ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް، ބައިނަލްއަޤްވާމީ ޢަދުލު އިންޞާފުގެ ނިޒާމުތަކަށް އޮންނަ އިތުބާރު ހަރުދަނާކުރުމަށާއި މި ނިޒާމުތަކުގެ ބޭނުން އެންމެ ފުރިހަމަކޮށް ހިފާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރާނެއެވެ. 

މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެފަދަ ކުޑަ ޤައުމަކަށް ބައިނަލްއަޤްވާމީ މަޝްރަހުގައި ކުރެވޭ މަޝްވަރާތަކަކީ ހަމައެކަނި ޑިޕްލޮމަޓިކް އިޖުރާޢަތެއް ނޫންކަމަށާއި، އެއީ ވިލެންތެރިކަން އިތުރުކޮށް، ޤައުމީ ޝަޚްޞިއްޔަތާއި، ސަލާމަތާއި، ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. މިގޮތުން، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކަކީ ޘަޤާފީ ތަރިކައަށާއި، އިޖްތިމާޢީ އެއްބައިވަންތަކަމަށް ބުރޫއަރާނެކަމެއް ކަމުގައި މިނިސްޓަރ ޑރ.ޚަލީލް ފާހަގަ ކުރެއްވިއެވެ. އަދި ޑިޖިޓަލް މަންސަތަކަކީ، ޤައުމުތަކުގެ މެދުގައި ދެބަސްވުން އިތުރުވުމަށް މަގުފަހިވެގެންހިނގައިދާނެ އާ މަންސަތަކަށް މިހާރުވެފައިވާ ކަމަށާއި މިކަމުގެ ސަބަބުން ރުޅިވެރިކަމާއި ދެކޮޅުވެރިކަން އިތުރުވެ، ގިނަ ދުވަހަށް ދެމިގެން ހިނގައިދާނެ އަސަރުތަކެއް ގުޅުންތަކަށް ކުރުމުގެ ބިރުއޮތްކަން ފާހަގަކުރެއްވިއެވެ. 

އަދި އިންސާނީ ކަރާމާތް ނެގެހެއްޓޭފަދަ ބީދައަކުން، އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަކަށް، ޤައުމުތަކުގެ މެދުގައި މަޝްވަރާ އިތުރުކުރުމުގެ މަސައްކަތަށް މަގުފަހިކޮށްދިނުމަށް ޔޫ.އެން.އޭ.އޯ.ސީ އަށް ގޮވާލެއްވިއެވެ. އަދި ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަކީ ޘަޤާފީ ތަރިކަ ހިމާޔަތްކޮށް ދިރުވުމަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން، ދުނިޔޭގައި ބައިބައިވުން އުފެދޭ ކަންކަން ދެނެގަތުމަށް އިތުރު މަސައްކަތްކުރުމަށާއި ޤައުމުތަކުގެ މެދުގައި ހުރި ތަފާތު ތަކަކީ، ބައިބައިވުމުގެ ސަބަބެއްގެ ގޮތުގައި ވިޔަނުދީ، ބާރަކަށް ހެދުމަށް ގޮވާލެއްވިއެވެ. 

ޔޫ.އެން.އޭ.އޯ.ސީ އަކީ ތަފާތު ސަގާފަތާއި ހަޟާރަތްތަކާއި ޤައުމުތަކާއި ރައްޔިތުންގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކޮށް ބައިބައިވުމާއި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް މަސައްކަތްކުރުމަށް 2005 ވަނަ އަހަރު ޤާއިމުކުރެވުނު ބައިނަލްއަޤުވާމީ ޖަމުޢިއްޔާއެކެވެ.އެ ޖަމްޢިއްޔާގައި 161 މެންބަރުން ހިމެނެއެވެ. އެއީ އދ.ގެ 131 މެންބަރު ޤައުމާއި 1 ނޮން-މެމްބަރ ސްޓޭޓާއި، 29 ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަކުންނެވެ. 

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960