ޚަބަރު

ލުބްނާންގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް ޖެނެރަލް، ފޮރިން މިނިސްޓަރާ ބައްދަލުކުރެއްވުން

8 މެއި 2017، މާލެ 

 ލުބްނާންގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް ޖެނެރަލް، މިސްޓަރ މުޙައްމަދު ޙުސައިން ފާކިޙް، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑރ. މުޙައްމަދު އާޞިމްއާ ބައްދަލުކުރައްވައިފިއެވެ. މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި  ލުބްނާންގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް ޖެނެރަލްގެ މަޤާމަށް އެމަނިކުފާނު އަލުން އައްޔަންކުރެވުމުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް

ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދެންނެވިއެވެ. އަދި އެކި ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމައް އިތުރު މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އޮތްކަމުގައި މިނިސްޓަރ ހާމަކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. 

އޮނޮރަރީ ކޮންސުލް ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ލުބްނާންއާ ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރިއެރުން ގެނައުމުގައި މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ. 

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނާއިބު، އަލްފާޟިލާ ފާތިމަތު އިނާޔާ އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރ، އަލްފާޟިލް ޢަބްދުލްވާރިޘް ސަޢީދު ‏ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960