Ref: 2024/PR/345
އޮކްޓޫބަރު މަހުގެ 22 އިން 26 އަށް ކުރިއަށްދިޔަ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ސަމޯއާގެ އަޕިއާއަށް ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް، ކުރެެއްވި ދަތުރުފުޅު ނިންމަވައިލައްވައިފިއެވެ.
ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ރާއްޖޭގެ ވަފްދުގެ އެންމެ އިސް ވެރިއަކަށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިން މުހައްމަދު ލަތީފެވެ. ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލް ވަނީ ނައިބު ރައީސްގެ އަރިހުގައި އެކި ބައްދަލުވުންކާއި ހަފްލާތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އަދި މީގެ އިތުރުން، ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައި ބޭއްވުނު ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމާއި ކޮމަންވެލްތު ކުދި ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި މިނިސްޓަރ ޑރ ޚަލީލް ބައިވެރިވެވަޑައިގެންނެވިއެވެ. ކޮަމަންވެލްތު ގައުމުތަކަށް ކުރިމަތިވާ މައްސަލަތަކަށް، ޚާއްސަކޮށް ކުދި ގައުމުތަަކަށް ކުރިމަތިވާ މައްސަލަތަކަށް ހައްލުހޯދުމަށް އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން މި ބައްދަލުވުންތަކުގައި ޚާރިޖީ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މި އަހަރުގެ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމުގެ ޝިއާރަށް ރިޢާޔަތްކޮށް, ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާއި ކުދި ޤައުމުތަކުގެ ވިލުނުވެރިކަން އިތުރުކޮށް, އެގައުމުތަކަށް ބޭނުންވާ މާލީ އެހީ އިތުރުކުރުމަށް އެކުގައި މަސައްކަތްކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
މިއަހަރު ބޭއްވި ކޮމަންވެލްތު ކުދި ގައުމުތަކުގެ ވަޒީރުންގެ ބައްދަލުވުުގައި, 2026 ވަނަ އަހަރުގެ ބައްދަލުވުން ދިވެހިރާއްޖެއިން ކޯޗެއަރ ކުރުމަށް ހަމަޖެހިފައިވާކަން ވަނީ އިޢުލާނުކޮށްފައެވެ. މިއީ ކުދި ޤައުމުތަކަށް ކުރިމަތިވާ މައްސަލަތަކަށް ހައްލުހޯދައިދިނުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަވެގެންދާނެ ކަމެކެވެ.
ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައި، ޚާރިޖީ ވަޒީރު ޑރ ޚަލީލް ވަނީ ކޮމަންވެލްތުގެ އެކި ގަައުމުތަކުގެ ޚާޜިޖީ ވަޒީރުންނާ ބައްދަލުކުރައްވާފައެެވެ. މިގޮތުން، މި ބައްދަލުވުންތަކުގައި ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަށް ހައްލުކުރުމަށް އެއްބާރުލުން އިތުރުކޮށް މުޅި ކޮމަންވެލްތަށް އެކުގައި ފައިދާވާނެހެން ދިވެހިރާއްޖެއިިން ކޮމަންވެލްތުގެ ގައުމުތަކާއެކުގައި މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަމުގެ ފުރިހަމަ ޔަގީންކަން ދެއްވިއެވެ. މީގެ އިތުރުން ދޭދޭ ގައުމުތަކުގެ ގުޅުން ބަދަހިކުރުމަށް އެއްބާރުލުންް ދެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވުން ވެގެންދިޔައީ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގުޅިގެން ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަން ޔަގީންވެގެންދިޔަ ބައްދަލުވުމަކަށެވެ. އަދި ބައިނަލްއަޤްވާމީ މަސްރަހުގައި ރާއްޖެއިން އިސްކަންދޭ ކަންތައްތައް ކުރިއެރުވުމަށް ކޮމަންވެލްތުގެ ޤައުމުތަކުން ތާޢީދު ހޯދުމަށް ލިބުނު ފުރުޞަތަކަށްވެސްމެއެވެ.