Ref: 2025/PR/7
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ޔުނައިޓަޑް ޢަރަބް އެމިރޭޓްސް (ޔޫ.އޭ.އީ.) އަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ. މި ދަތުރުފުޅަކީ ޔޫ.އޭ.އީ.ގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރު، ހިސް ހައިނަސް ޝައިޚް ޢަބްދުﷲ ބިން ޒާއިދު އާލް ނަޙްޔާންގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މިއީ ދިވެހިރާއްޖެއާއި ޔޫ.އޭ.އީ.އާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ދަތުރުފުޅުގައި، ހިސް ހައިނަސް ޝައިޚް ޢަބްދުﷲ ބިން ޒާއިދު އާލް ނަޙްޔާންއާއެކު ޚާރިޖީ ވަޒީރު ޑރ. ޚަލީލް ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަށް ރިޢާޔަތްކުރައްވައި މި ގުޅުން އިތުރަށް ބަދަހިކުރުމާއި ދެ ޤައުމުން ގުޅިގެން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުންނާއި އައު ދާއިރާތަކުން އެއްބާރުލުންދިނުމާ ބެހޭގުތުން މަޝްވަރާކުރެއްވިއެވެ. ދެ ޤައުމުގެ މަޞްލަޙަތުތައް ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލްކުރެއްވުމަށް އޮތް ޢަޒުމް މި މަޝްވަރާތަކުން ހާމަވެގެންދިޔައެވެ.
މީގެ އިތުރުން، ޔޫ.އޭ.އީ. ސަރުކާރުގެ އެހެނިހެން އިސް ބޭފުޅުންނާވެސް ޚާރިޖީ ވަޒީރު ބައްދަލުކުރައްވައި، ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތައާއި ވައިގެ ދަތުރުފަތުރާއި ޢުމްރާނީ ތަރައްޤީގެ ދާއިރާތަކުން ދެ ޤައުމުން ގުޅިގެން ކުރާ މަސައްކަތްތަށް އިތުރުކުރުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ޔޫ.އޭ.އީ.ގެ މުހިންމު އިންވެސްޓަރުންނާވެސް ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި ބައްދަލުކުރެއްވިއެވެ. ދިވެހިރާއްޖެއާއި ޔޫ.އޭ.އީ.އާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއިންދޭ އިސްކަން މި ބައްދަލުވުންތަކުން ފާހަގަވެގެންދިޔައެވެ.
ދިވެހިރާއްޖޭގެ ތަރައްޤީގެ މަސައްކަތުގައި ޔޫ.އޭ.އީ.އިން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޔޫ.އޭ.އީ. ސަރުކާރުގެ އިސްވެރިންނަށް ޚާރިޖީ ވަޒީރު ޝުކުރުއަދާކުރެއްވިއެވެ. މި ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއާއި ޔޫ.އޭ.އީ.އާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާވެގެން ދިޔައެވެ.
ޚާރިޖީ ވަޒީރު ޑރ. ޚަލީލްގެ މި ރަސްމީ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ-އެޓް-ލާޖް އަލްފާޟިލް ޢަބްދުﷲ ޙަމީދު އަދި ޖޮއިންޓް ސެކްރެޓަރީ އަލްފާޟިލާ މަރްޔަމް ރީޝާ ބައިވެރިވަޑައިގެންނެވިއެވެ.
ނިމުނީ