ޚަބަރު

ކެންޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޚާރިޖީ ވަޒީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
Featured

ކެންޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޚާރިޖީ ވަޒީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

Ref: 2025/PR/162

ކެންޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިސް އެކްސެލެންސީ ޕީޓާ މުންޔެރީ މައިނާ، ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި އިޙްތިރާމްގެ ޒިޔާރަތް ކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހުގައެވެ.

ޚާރިޖީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި މިނިސްޓަރ ޑޮކްޓަރ ޚަލީލް ވަނީ ހައިކޮމިޝަނަރއަށް މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖެއާއި ކެންޔާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މިއަހަރަކީ ދެ ޤައުމުގެ ދެމެދުގައިވާ ޚާރިޖީ ގުޅުން ޤާއިމުކުރެވުނުތާ 30 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، ހައި ކޮމިޝަނަރުގެ މަޤާމުގައި ހުންނަވާ މުއްދަތުގައި ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ހަރުދަނާވެ، ކުރިއަރައިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި މިނިސްޓަރ ގެ ވާހަކަ ފުޅުގައި ވިދާޅުވިއެވެ. 

މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ ޑޮކްޓަރ ޚަލީލް އަރިހުގައި ސެކްރެޓަރީ، ޑޮކްޓަރ ހާލާ ޙަމީދު، އެމްބެސެޑަރ އެޓް ލާރޖް ޑރ. މުޙައްމަދު ފަޙުމީ،  ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީހާ، ސީނިއަރ އަންޑަރ ސެކްރެޓަރީ ފާތިމަތު ނައީމާ އަދި ޑެޕިއުޓީ ޑެސްކް އޮފިސަރ ފާތިމަތު މަލްސާ މުޙައްމަދު ބައިވެރިވެވަޑައިގަތެވެ.

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960