ޚަބަރު

images/news/2023/18-01-2023.jpg#joomlaImage://local-images/news/2023/18-01-2023.jpg?width=1080&height=550

އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި މިއަދު ވަޑައިގެންފި

އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. އެސް. ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

އެމަނިކުފާނަށް މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގެ އިސް އޮފިޝަލުންނާއި، ނ. އަތޮޅު ކައުންސިލް ރައީސް އާއި ނ. މާފަރު ކައުންސިލްގެ މެންބަރުންނެވެ.

އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒްގެ މި ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގެ އެހީގައި ހިންގާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މި ދަތުރުފުޅުގައި، އިންޑިއާ ސަރުކާރުގެ އެހީގައި ށ.ފޯކައިދޫގައި ޤާއިމް ކުރެވިފައިވާ ށ.ފޯކައިދޫ ކޮމިޔުނިޓީ ސެންޓަރ އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއްކުރެއްވުމާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުއާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން، ހއ.އުތީމަށް ވަޑައިގަންނަވައި، އުތީމު ގަނޑުވަރަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިއީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރުގެ ހައިޞިއްޔަތުން އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ހަތަރުވަނަ ދަތުރުފުޅެވެ. އެންމެފަހުން އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންފައިވަނީ 2022 ވަނަ އަހަރުގެ މާރޗް މަހު އައްޑޫ ސިޓީއަށެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960