ޚަބަރު

އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. އެސް. ޖައިޝަންކަރު މި މަހުގެ 18 އިން 19 އަށް ދިވެހިރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އާ ބައްދަލުކުރެއްވުމުގެ އިތުރުން މި ދަތުރުފުޅުގައި އިންޑިއާ އާއި ދިވެހިރާއްޖެއާއި ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެވަޑައިގެންނެވުމާއި، ށ. ފޯކައިދޫގައި ޤާއިމުކޮށްފައިވާ ކޮމިއުނިޓީ ސެންޓަރ އިފްތިތާޙް ކުރެއްވުމަށް ވަނީ ހަމަޖެހިފައިއެވެ. އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ރާއްޖެއަށް މި ކުރައްވާ ދަތުރުފުޅަކީ އެމަނިކުފާނު 2019 ވަނަ އަހަރު މޭ މަހު މަޤާމާ ހަވާލުވިފަހުން ރާއްޖެއަށް ކުރައްވާ ހަތަރުވަނަ ދަތުރުފުޅެވެ. އެންމެ ފަހުން އެމަނިކުފާނު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވީ 2022 ވަނަ އަހަރުގެ މާރިޗް މަހު އައްޑޫ ސިޓީއަށެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960