ޚަބަރު

އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން 'ސީ ފޯމް' ފުރިހަމަ ކުރުމާ ގުޅޭ

 

އިންޑިއާއަށް ދަތުރުކުރާ އެހެން ޤައުމުތަކުގެ ރައްޔިތުން، އިންޑިއާއަށް އެތެރެވާތާ 24 ގަޑިއިރުގެ ތެރޭގައި އެފަރާތެއްގެ ނިދުމުގެ ކަންކަން ހަމަޖައްސާ ތަނެއް މެދުވެރިކޮށް އިންޑިއާގެ ބިއުރޯ އޮފް އެމިގްރޭޝަންގެ ވެބްސައިޓް ގައިވާ "ސީ-ފޯމް" ފުރިހަމަކުރުމަކީ މިދެންނެވި ބިއުރޯއިން ލާޒިމްކުރާ ކަމެއްކަމުގައި އިންޑިއާއަށް ދަތުރުކުރައްވާ އެންމެހާ ދިވެހިރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

އަދި ނިދުމުގެ ކަންތައް ހަމަޖައްސާ ތަން ބަދަލުކޮށްފިނަމަ، އެބަދަލެއްގެ ގެންނަތާ 24 ގަޑިއިރު ތެރޭގައިވެސް އިސްވެ ދެންނެވި "ސީ-ފޯމް" ފުރިހަމަ ކުރަންޖެހޭނެ ކަމުގައި ދަންނަވަމެވެ. މިވާހަކަތައް މިދަންނަވާލީ، އިންޑިއާ އަކީ ގިނަ އަދެދެއްގެ ދިވެހިން ތަފާތު ބޭނުންތަކުގައި ޢާންމުކޮށް ދަތުރުކުރާ ޤަޢުމަކަށްވެފައި، މަތީގައި ދެންނެވި "ސީ-ފޯމް" ހުށަހެޅުމުގެ ކަންކަން ފުރިހަމަކޮށްފައި ނެތުމުގެ ސަބަބުން އިންޑީއާ އަށް ދަތުރުކުރާ ދިވެހިންނަށް ބައެއްފަހަރު ތަފާތު މައްސަލަތައް ކުރިމަތިވަމުން އަންނަކަން ފާހަގަކުރެވޭތީއެވެ.

"ސީ-ފޯމް" އަކީ އިންޑިއާގެ ބިއުރޯ އޮފް އެމިގްރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ފުރިހަމަ ކުރަންޖެހޭ ފޯމެކެވެ. އިންޑިއާގެ ބިއުރޯ އޮފް އެމިގްރޭޝަންގެ ވެބްސައިޓް (http://www.boi.gov.in/content/form-c) ގައިވާ ބަޔާންކޮށްފައިވާ ގޮތުގެމައިން ނިދުމުގެ ކަންކަން ހަމަޖައްސާ ތަންތަނުގެ ތެރޭގައި ހޮޓާ، ގެސްޓްހައުސް، އަމިއްލަ ފަރާތްތަކުގެ ގެ އެޕާޓްމަންޓް، ޔުނިވަރސިޓީ، ހޮސްޕިޓަލް ފަދަ ތަންތަން ހިމެނެއެވެ.

އިސްވެ ދެންނެވި ތަންތަނުގެ ތެރެއިން ހޮޓާ، ގެސްޓްހައުސް، ފަދަ ޢާންމުކޮށް "އެކޮމަޑޭޝަން" ޚިދްމަތްދޭ ތަންތަނުން އެތަނެއްގެ ޚިދްމަތް ހޯދާ ފަރާތްތަކަށް "ސީ-ފޯމް" ފުރިހަމަ ކުރެއްވި ނަމަވެސް، އަމިއްލަ ފަރާތްތަކުގެ ގެ، އެޕާޓްމަންޓް ނުވަތަ ކުއްޔަށް ހިފާފައިހުރި ގެއެއް ނުވަތަ އެޕާޓްމަންޓެއްގައި ނިދުމުގެ ކަންކަން ހަމަޖައްސާނަމަ، އެގެއެއް ނުވަތަ އެޕާޓްމަންޓެއްގެ ވެރިފަރާތުން ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތުން މިދެންނެވި "ސީ-ފޯމް" ފުރިހަމަކުރެއްވުމަށާއި އަދި ދަތުރުވެރިޔާވެސް މިކަން ކަށަވަރު ކުރުމަކީ މުހިންމު ކަމެއްކަމުގައި ދަންނަވަމެވެ.

ވީމާ، އިންޑިއާ އަށް ދަތުރުކުރާ ދިވެހިން، އެ ޤަޢުމަށް އެތެރެވާތާ 24 ގަޑިއިރު ތެރޭގައި ނިދުމުގެ ކަންތައް ހަމަޖައްސާ ތަނެއް މެދުވެރިކޮށް އިންޑިއާގެ ބިއުރޯ އޮފް އެމިގްރޭޝަންއަށް ހުށަހަޅަންޖެހޭ "ސީ-ފޯމް" ހުށަހަޅާތޯ ޔަޤީން ކުރުމަށާއި، ނިދުމުގެ ކަންތައް ހަމަޖައްސާ ތަން ބަދަލުކޮށްފިނަމަ، އެބަދަލެއްގެ ގެންނަތާ 24 ގަޑިއިރު ތެރޭގައިވެސް އިސްވެ ދެންނެވި "ސީ-ފޯމް" ހުށަހަޅާތޯ ޔަޤީން ކުރުމަށާއި، އެ ޤަޢުމުގެ އެންމެހާ ޤަވާއިދުތަކާއި ޢާންމު މިންގަނޑުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، އަދި އެ ޤަޢުމުގެ ރަސްމީ އިދާރާތަކުން އަންގާ އެންގުންތަކާއި އިރުޝާދުތަކަށް ސަމާލުކަންދީ އެކަންކަމަށް ޢަމަލުކުރުމަކީ މުހިންމު ކަމެއްކަމުގައި ދަންނަވެމެވެ.

އިންޑީއާގައި އުޅުއްވާއިރު ކޮންސިއުލަރ އެހީތެރިކަން ބޭނުންވާ ފަދަ މައްސަލައެއް ކުރިމަތިވެއްޖެނަމަ، ލަސްނުކޮށް ތިރީގައިވާ ދަންނަވާފައިވާ ނަންބަރަކާ ގުޅުއްވައި މަޢުލޫމާތު ޙިއްސާކޮށްދެއްވުން އެދެމެވެ.

 

މާލޭގައި ނަމަ، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް ހޮޓްލައިން: 7983400

 

އިންޑިއާގައި ނަމަ: 0091 9847702554

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960