ޚަބަރު

ގިނީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޚާރިޖީ ވަޒީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
Featured

ގިނީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޚާރިޖީ ވަޒީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

Ref: 2025/PR/161

ގިނީގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ކޮންޓެ އަލަސާން، ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި އިޙްތިރާމްގެ ޒިޔާރަތް ކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހުގައެވެ.

ޚާރިޖީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި މިނިސްޓަރ ޑޮކްޓަރ ޚަލީލް ވަނީ ސަފީރު ކޮންޓެ އަލަސާން އަށް މަރުޙަބާ ވިދާޅުވެ، ސަފީރު އަލަސާންގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެއާއި ގިނީއާ ދެމެދު އޮތް  ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގައި ޔަޤީންކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން، މިނިސްޓަރާއި ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. ޚާއްޞަކޮށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގެ ތެރެއިން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަން ޔަޤީންކުރައްވައި، ބައިނަލްއަޤްވާމީ މައިދާނުގައި އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމާމެދު މަޝްވަރާކުރެއްވިއެވެ. 

މި ބައްދަލުވުމުގައި، މިނިސްޓަރ ޑޮކްޓަރ ޚަލީލް އަރިހުގައި ސެކްރެޓަރީ، ޑޮކްޓަރ ހާލާ ޙަމީދު، މިނިސްޓަރ އޮފް ސްޓޭޓް، ޑޮކްޓަރ މަރިޔަމް ޒުލްފާ، ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީހާ، ސީނިއަރ އަންޑަރ ސެކްރެޓަރީ ފާތިމަތު ނައީމާ އަދި ޑެޕިއުޓީ ޑެސްކް އޮފިސަރ ފާތިމަތު މަލްސާ މުޙައްމަދު ބައިވެރިވެވަޑައިގަތެވެ.

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960