Ref: 2025/PR/5
މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުالله ޚަލީލް، ޔުނައިޓަޑް ޢަރަބް އެމިރޭޓްސް (ޔޫ.އޭ.އީ.)ގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް ހައިނަސް ޝެއިޚް ޢަބްދުالله ބިން ޒައިދު އަލް ނަޙްޔާންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޑރ. ޚަލީލްވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނަށް ތަޙުނިޔާ އަރިސްކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ޔޫ.އޭ.އީ.އިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދެ ޤައުމުން އިސްކަންދޭ ދާއިރާތައް ހޯދައި އެ ކަންކަން ކުރިއަށް ގެންދިއުމުގައި އެއްބާރުލުން ދިނުމުގެ ޔަޤީންކަމާއި ދިވެހިރާއްޖެއާއި ޔޫ.އޭ.އީ.އާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެބޭފުޅުން އެރުވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގެ ފިސްކަލް ރިފޯމް އެޖެންޑާއާއި ތަރައްޤީގެ މުހިންމު މަސައްކަތްތަކާ ބެހޭގޮތުން މިނިސްޓަރ ޑރ. ޚަލީލް މަޢުލޫމާތު ހިއްސާކުރެއްވިއެވެ. ޔޫ.އޭ.އީ.ގެ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭ.ޑީ.އެފް.ޑީ.) މެދުވެރިކޮށް ދިވެހިރާއްޖެއަށް ފޯރުކޮށްދެއްވާ އަގުހުރި އެހީތެރިކަމަށް، ޚާއްޞަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފުޅާކުރުމުގެ މަޝްރޫޢަށް ދެއްވާ އެހީތެރިކަމަށް މިނިސްޓަރ ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޚަލީލްގެ އަރިހުގައި، ދިވެހިރާއްޖެއިން ޔޫ.އޭ.އީ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފާއި އެމްބެސެޑަރ އެޓް ލާޖް ޢަބްދުالله ޙަމީދާއި ޔޫ.އޭ.އީ.ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރ ހައްސާން ވަހީދާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ އަލްފާޟިލާ މަރްޔަމް ރީޝާއާއި ޔޫ.އޭ.އީ.ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކައުންސެލަރ މޫމިނާ އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.