ޚަބަރު

ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ.) އަށް ފުރާވަޑައިގެންފި

Ref: 2025/PR/4

ޔޫ.އޭ.އީ.ގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ފޮރިން މިނިސްޓަރ ޝެހިޙް އަބްދުﷲ ބިން ޒަޔެދް އަލް ނަހްޔާންގެ ދަޢުވަތަކަށް ޔޫ.އޭ.އީ.އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލް، މިއަދު ފުރާވަޑައިގެންފިއެވެ.

މިނިސްޓަރ ޑރ. ޚަލީލްގެ މި ދަތުރުފުޅުގައި، ޔޫ.އޭ.އީ.ގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ފޮރިން މިނިސްޓަރ ޝެހިޚް ޢަބްދުﷲ ބިން ޒަޔެދް އަލް ނަޙްޔާންއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުމަށް  ރިޢާޔަތްކުރައްވައި، އެ  ގުޅުން  އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރައްވާނެއެވެ. އަދި  މުސްތަޤްބަލުގައި  ދެ  ޤައުމުން ގުޅިގެން މަސައްކަތްކުރެވިދާނޭ  އިތުރު ދާއިރާތަކާބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ. 

މީގެ އިތުރުން، ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތައް ހޯއްދެވުމަށް މިނިސްޓަރ ޑރ. ޚަލީލްގެ މި ދަތުރުފުޅުގައި ޔޫ.އޭ.އީ. ސަރުކާރުގެ އިސްވެރިންނާ ބައްދަކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުން، ދިވެހިރާއްޖެއާއި ޔޫ.އޭ.އީ.އާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ޔޫ.އޭ.އީ.އިން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް އެ ގުޅުން އިތުރުކުރުމަށްޓަކައި ދެ ޤައުމުން އެކުގައި ކުރަމުންގެންދާ މަސައްކަތްތައް ހާމަވެގެންދާނެއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޑރ. ޚަލީލްގެ އަރިހުގައި އެމްބެސެޑަރ-އެޓް-ލާޖް ޢަބްދުﷲ ޙަމީދާއި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ ބައިވެރިވެވަޑައިގަންނަވައެވެ.

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960