Ref: 2024/PR/387
މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑރ ޢަބްދުﷲ ޚަލީލް އޮމާންއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އޮމާންގެ ފޮރިން މިނިސްޓަރ ސައްޔިދު ބަދުރު ބިން ޙަމަދު ބިން ޙަމޫދު އަލްބުސަޢިދީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
އޮމާންގެ ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚްވަންތަކަމުގެ ގުޅުމުގެ މައްޗަށް ދެބޭފުޅުން އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރެއްވިއެވެ. މިގޮތުން ވިޔަފާރިއާއި ފަތުރުވެރިކަމާއި ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި އިންވެސްޓްމަންޓް އިތުރުކުރުމާ ބެހޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ. އަދި ބައިނަލްއަޤްވާމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރެވުނެވެ. މީގެ އިތުރުން ރާއްޖެއާއި އޮމާންއާ ދެމެދު ސިޔާސީ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން އަވަސް ފުރުޞަތެއްގައި ބޭއްވުމަށްވެސް ދެ ވަޒީރުން ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން މިނިސްޓަރ ޚަލީލްވަނީ އޮމާނުން ރާއްޖެއާމެދު ޒަމާނުއްސުރެ ބަހައްޓަމުންއަންނަ ގާތްކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ދަތުރުފުޅަށްފަހު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނޭކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމަށްފަހު ދިވެހިރާއްޖެއާއި އޮމާންއާ ދެމެދު މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. އެއީ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ޕޮލިޓިކަލް ކޮންސަލްޓޭޝަންއާއި ޑިޕްލޮމެޓިކްއާއި ސްޕެޝަލް، ސަރވިސް އަދި އޮފިޝަލް ޕާސްޕޯޓް ހޯލްޑަރުންނަށް މިއުޗުއަލް ވިސާ އެގްޒެމްޝަންއާބެހޭ އެއްބަސްވުމެކެވެ.
ޑިޕްލޮމެޓިކްއާއި ސްޕެޝަލް ސަރވިސް އަދި އޮފިޝަލް ޕާސްޕޯޓް ހޯލްޑަރުންނަށް މިއުޗުއަލް ވިސާ އެގްޒެމްޝަން އެގްރިމަންޓްގެ އިތުރުން އޯޑިނަރީ ޕާސްޕޯޓަށްވެސް ވިސާ އިސްތިސްނާކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމުގެ ޔަޤީންކަން، މިނިސްޓަރ މި ބައްދަލްވުމުގައި ދެއްވިއެވެ. އަދި މި އެއްބަސްވުން އޮމާން ސަރުކާރަށް ހުށަހަޅުއްވާފައިވާކަންވެސް ފާހަގަކުރެއްވިއެވެ. މިހާރު ދިވެހި ރައްޔިތުންނަށް ވިސާއާ ނުލާ އޮމާނަށް ދަތުރުކުރެވެނީ ޚާއްޞަ ޝަރުތުތަކެއް ފުރިހަމަވެގެންނެވެ. މި ޝަރުތުތަކުގެ ތެރޭގައި ވަކި ޤައުމުތަކެއްގެ ވިސާ އޮތުން ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޑރ. ޚަލީލްގެ އަރިހުގައި ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ހަމީދާއި ސީނިއަރ އަންޑަރ ސެކްރެޓަރީ ފާޠިމަތު ނަޢީމާ އަދި އެސިސްޓަންޓް ޑިރެކްޓަރ މުޙައްމަދު ޝުޖާޢު ބައިވެރިވެވަޑައިގެންނެވިއެވެ.
ނިމުނީ