ޚަބަރު

ފަލަސްޠީނުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދައިދިނުމަށް އޯ.އައި.ސީ.ގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ގޮވާލައިފި

އިސްރޭލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް މިހާރު ކުރިއަށް ގެންދަމުންދާ ޢުދުވާނީ ޙަމަލާތަކާ ގުޅޭގޮތުން ސަޢުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ މައި މަރުކަޒުގައި ބޭއްވުނު އެޖަމިއްޔާގެ އެއެގްޒެކެޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް ޚާއްސަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް، އަޙްމަދު ޚަލީލް ބައިވެރިވެވަޑައިގަންނަވައި ރާއްޖޭގެ ފަރާތުން ތަޤުރީރު ކުރައްވައިފި އެވެ.

ސްޓޭޓް މިނިސްޓަރ ޚަލީލްގެ ތަޤުރީރުގައި ވަނީ ޣައްޒާގައި ދިރިއުޅޭ ޢާއްމު ރައްޔިތުންނާ ދެކޮޅަށް އިސްރޭލުން ދެމުންގެންދާ ޢުދުވާނީ ޙަމަލާތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި ބޭހާއި ކާބޯ ތަކެއްޗާއި ޟަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ޣައްޒާއަށް ފޯރުކޮށްދިނުން ކަށަވަރުކުރުމަށްޓަކައި އިންސާނިއްޔަތުކަމުގެ ކޮރިޑޯތަކެއް ޤާއިމުކުރުމަށް އެއްބާރުލުން ދިނުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. ހަމައެއާއެކު، ފަލަސްޠީނުގެ ބިންތަކަށް އިސްރޭލުން ވެރިވެގެންފައިވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އ.ދ.ގެ ސަލާމަތީ މަޖިލީހާއި އޯ.އައި.ސީގެ ޤަރާރުތަކާ ޚިލާފަށްކަން ފާހަގަކޮށް އިސްރޭލުން ވެރިވެގެންފައިވާ ބިންތަކުން އެއްކޮށް ފައިބައިގެން ދިއުމަށް ވެސް ސްޓޭޓް މިނިސްޓަރ ޚަލީލް ވަނީ ގޮވާލައްވާފައެވެ. އަދި، ސަރަޙައްދުގެ އަމާންކަމާއި ހަމަޖެހުން ކަށަވަރުކުރެވެން އޮތް ހަމައެކަނި މަގަކީ 1967ވަނަ އަހަރުގެ ކުރީގެ ބޯޑަރުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ، މުސްތަޤިއްލު، މިނިވަން ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރެވިގެން ކަން ވެސް އެމަނިކުފާނުގެ ތަޤުރީރުގައި ފާހަގަކުރެއްވި އެވެ.

މިބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ ޚަލީލްގެ އަރިހުގައި ދިވެހިރާއްޖޭގެ ވަފުދުގައި ބައިވެރިވެވަޑައިގެންނެވީ ދިވެހިރާއްޖެއިން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަދި ދިވެހިރާއްޖެއިން ސަޢުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުޙައްމަދު ޚަލީލް އާއި ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްގެ ފަސްޓް ސެކްރެޓަރީ، މުޙައްމަދު ރަމީޒް އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް ޖެނެރަލް ސަރވިސް އޮފިސަރ، ޢާއިޝަތު ރިފްޤާ މުޙައްމަދު އެވެ.

57 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އިން އަބަދުވެސް އަންނަނީ ފަލަސްޠީނުގެ ރައްޔިތުންގެ ޚައްޤުތައް ކަށަވަރުކުރުމަށްޓަކައި އެބައިމީހުންގެ ފަރާތުން ވަކާލާތުކުރަމުންނެވެ. ދިވެހިރާއްޖެއިން އަންނަނީ 1976ވަނަ އަހަރު އޯ.އައި.ސީގެ މެމްބަރަކަށް ވީއްސުރެ، ޙަރަކާތްތެރިކަމާއެކު އެޖަމިއްޔާގައި މަސައްކަތްކުރަމުންނެވެ.

Tags :

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960