ޚަބަރު

ފަލަސްޠީނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
Featured

ފަލަސްޠީނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

Ref: 2025/PR/150

ފަލަސްޠީނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު އިހާބް ޚަލީލް، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި އިޙްތިރާމްގެ ޒިޔާރަތް ކުރައްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހުގައެވެ.

ޚާރިޖީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، މިނިސްޓަރ ޑރ. ޚަލީލް ވަނީ ފަލަސްޠީނު ސަފީރަށް ތަޙުނިޔާ ވިދާޅުވެ، ދިވެހިރާއްޖެ އާއި ފަލަސްޠީނާއި ދެމެދު އޮންނަ އަޙުވަންތަކަމުގެ ގުޅުން އެމަނިކުފާނުގެ ސަފީރު ކަމުގެ ދައުރުގައި އިތުރަށް ބަދަހި ކުރުމާގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

ޚާރިޖީ ވަޒީރު ޑރ. ޚަލީލުގެ ވާހަކަފުޅުގައި، ފަލަސްޠީނަކީ ކޮންމެ ދިވެއްސެއްގެ ހިތުގައި ވަރަށް ޚާއްޞަ މަޤާމެއް ދެވިފައިވާ ޤައުމެއްކަން ފާހަގަކުރައްވައި، ފަލަސްތީނުގެ އަޚުންނާއި އުޚްތުންގެ ދިފާޢުގައި ކުރަމުންދާ މަސައްކަތްތަކުގައި ދިވެހި ރައްޔިތުން އަބަދުވެސް ދެމިތިބޭނެ ކަމުގެ ޔަޤީންކަން އެރުވިއެވެ. މިގޮތުން މިކަމަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްޠީނުގެ ދައުލަތް ޤާއިމުކުރެވުމުންކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. 
މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. ޚަލީލްގެ އަރިހުގައި މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހަލާ ޙަމީދު، އެމްބެސެޑަރ އެޓް ލާރޗް ޢަބްދުﷲ ޙަމީދު، ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީހާ، ސީނިއަރ އަންޑަރ ސެކްރެޓަރީ ފާޠިމަތު ނަޢީމާ އަދި ޑެޕިއުޓީ ޑެސްކް އޮފިސަރ ފާޠިމަތު މަލްސާ މުޙައްމަދު ބައިވެރިވެވަޑައިގަތެވެ. 
ނިމުނީ...

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960