4 ޖުލައި 2023، މާލެ
އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، އެންތަނީ ބްލިންކަން އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ
މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ
، އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މަނިކުފާނަށާއި އެމެރިކާގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނަށް ނަމުގައި، ތަހުނިޔާ ފޮނުވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ
މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމާއި، އިންސާނީ ޙައްޤުތައް ކުރިއެރުވުމަށާއި، ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގައި އެމެރިކާއަކީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ބައިވެރިއެކެވެ
ފާއިތުވި އަހަރުތަކުގައި ރާއްޖެއާއި އެމެރިކާގައި ރެސިޑެންޓް އެމްބަސީތައް ހުޅުވުމާއެކު އެމެރިކާއާއެކު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. އެހެންކަމުން، އަޅުގަނޑުގެ އުންމީދަކީ ކުރިއަށް އޮތްތާނގައި މިގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ
މަނިކުފާނަށް ދުޅަހެޔޮ ސިއްޙަތާއި އެމެރިކާ ރައްޔިތުންނަށް ސުލްހައާއި ތަނަވަސްކަން ލިބުމަށް އަޅުގަނޑު އެދެމެވެ. އަދި މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ
ނިމުނީ.