ޚަބަރު

ޑރ. ސަލްމާ ރަޝީދު ޖެނީވާގައި ހުންނަވާ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކުގެ ޑިރެކްޓަރ ޖެނެރަލްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުކަމުގެ ފަތްކޮޅު އަރުވައިފި

Ref: 2024/PR/98

ޕެލޭ ޑި ނޭޝަންސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޖެނީވާގައި ހުންނަ އ.ދ.ގެ މަރުކަޒުތަކުގެ ޑިރެކްޓަރ ޖެނެރަލް ޓަޓިއާނާ ވަލޮވާޔާއަށް، ޑރ. ސަލްމާ ރަޝީދު، އެކަމަނާގެ ދާއިމީ މަންދޫބުކަމަގެ ފަތްކޮޅު ރަސްމީކޮށް އަރުއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ޑރ. ސަލްމާއަށް މަރުޙަބާ ދެންނެވިކަމަށްޓަކައި ޑިރެކްޓަރ ޖެނެރަލް ވަލޮވާޔާއަށް ޝުކުރު އަދާކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި، ދިވެހި ސަރުކާރާއި، ރައްޔިތުންގެ ފަރާތުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއަށް ތަހުނިޔާ ފޮނުއްވިއެވެ.

އަދި ދުނިޔޭގެ މަޝްރަޙު ހަލަބޮލިވެފައިވާ މިފަދަ ދަނޑިވަޅެއްގައި އ.ދ.ގެ އިސްނެގުމާއި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެކަމަނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަން ކުރިއަރުވާ ޙިމާޔަތްކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި 2030 ވަނަ އަހަރުގެ އެޖެންޑާ ޙާޞިލުކުރުމަށްޓަކައި ކުރެވޭ މަސައްކަތުގައި ދިވެހި ސަރުކާރުން ބައިވެރިވާނެކަމުގެ ފުރިހަމަ ޔަޤީންކަން ޑރ. ސަލްމާ ވަނީ ދެއްވާފައެވެ.

މީގެ އިތުރުން، ޑރ. ސަލްމާ ވަނީ ގިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކަށް ހައްލު ހޯދާ ދިނުމަށާއި، ބައިނަލްއަޤްވާމީ އިޤްތިޞާދީ އެއްބައިވަންތަކަން އަލާކުރުމަށާއި، ޖެނީވާގައި ހުންނަ އދ.ގެ މަރުކަޒުތަކުގައި ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ޤައުމުތައް ތަމްސީލުކުރުމުގައި ހަމަހަމަކަން ގެންގުޅުމަށް ޑިރެކްޓަރ ޖެނެރަލް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް އެކަމަނާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތުގައި މޫސުމަށް އަންނަ ބަދަލުތަކާއި، ޑިމޮކްރަސީއާއި، ހެޔޮވެރިކަމާއި، ޤާނޫނީ ވެރިކަމާއި، އިންސާނީ ޙައްޤުތަކާއި، ގިންތީގެ ހަމަހަމަކަމަށް އިސްކަންދޭ މިންވަރު ހާމަކޮށް، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުތަކަށް ވަކާލާތުކުރުމުގައި އިސް ދައުރެއް އަދާކުރުމުގައި ދިވެހިރާއްޖެ ދެމި އޮންނާނެކަމުގެ ޔަޤީންކަން ޑރ. ސަލްމާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން ޖެނީވާގައި ހުންނަ އދ. ގެ ދާއިމީ މިޝަން އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަޤާމަށް ޑރ. ސަލްމާ ރަޝީދު ޢައްޔަން ކުރެއްވީ 7 މެއި 2024 ގައެވެ. ސިއްހީ ދާއިރާގައި 40 އަހަރަށް ވުރެ ގިނަ އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ ޑރ. ސަލްމާ އަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ނެޝަނަލް ހެލްތު ޕްލޭންއާއި ނެޝަނަލް އިމިއުނައިޒޭޝަން ޕްރޮގްރާމް އެކުލަވާލުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ޑރ. ސަލްމާ ވަނީ ލަންޑަން ސައުތު ބޭންކް ޔުނިވާސިޓީ އިން އިވެލުއޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައެވެ. އަދި، އެކަމަނާ ވަނީ ލީޑްސް ޔުނިވާސިޓީ އާއި އެމެރިކަން ޔުނިވާސިޓީ އޮފް ބެއިރޫތު އިން މަތީ ތައުލީމީ ސަނަދުތަކެއް ހާސިލްކުރައްވާފައެވެ. މީގެ އިތުރުން، ޔޫ.އެން.އެފް.ޕީ.އޭ. އާއި ޑަބްލިއު.އެޗް.އޯ.އާ. އެކު މަސައްކަތްކުރެއްވި 17 އަހަރުގެ ދިގު ކެރިއަރުގައި ޑރ. ސަލްމާ ވަނީ ޑެޕިއުޓީ ރެޕްރެޒެންޓޭޓިވް އަދި ރީޖަނަލް އެޑްވައިޒަރު ފަދަ އެކިއެކި އިސް މަޤާމުތައް ފުރުއްވާފައެވެ.

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960