ޚަބަރު

ދިވެހިރާއްޖެއިން 1.29 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އަދަދެއްގެ އެހީ ފަލަސްޠީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ހަމަޖައްސައިފި

އ.ދ.ގެ މައި މަރުކަޒުގައި މިއަދު ކުރިއަށްދިޔަ 'އަންރުވާ ޕްލެޖިންގް ކޮންފަރަންސް' ގައި 1.29 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އެހީއެއް ދިވެހިރާއްޖެއިން ފަލަސްޠީނަށް, އަންރުވާ މެދުވެރިކޮށް ހަދިޔާ ކުރަން ހަމަޖެހިފައިވާކަން ދިވެހިރާއްޖެއިން އ.ދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ އަލީ ނަސީރު މުހައްމަދު ވިދާޅުވިއެވެ.

ދާއިމީ މަންދޫބުގެ ވާހަކަފުޅުގައި ދިވެހިރާއްޖެއިން އަންރުވާއަށް ކޮންމެ އަހަރަކު ދެމުންދާ އެހީ 5،000 އެމެރިކާ ޑޮލަރުން 50،000 އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ދިވެހި ސަރުކާރުން ނިންމާފައިވާކަން ހާމަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން "ފަލަސްޠީނާއެކު ދިވެހީން" މި ނަމުގައި ޤައުމީ ފެންވަރުގައި ބޭއްވި ޓެލެތޯން އިން ލިބިފައިވާ 18.4 މިލިއަން ރުފިޔާ އަދި 49,800 އެމެރިކާ ޑޮލަރު އަންރުވާ މެދުވެރިކޮށް, ފަލަސްޠީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ނިންމާފައި ވާކަން ދާއިމީ މަންދޫބު ފާހަގަ ކުރެއްވިއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ކުއްލި ނުރައްކާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އަންރުވާއިން ކުރަމުންދާ މުހިންމު މަސައްކަތާއި އަދާކުރަމުންދާ އިސް ދައުރު ފާހަގަކުރައްވައި، މި މަސައްކަތްތައް އިތުރަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ދާއިމީ މަންދޫބު ގޮވާލެއްވިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960