ޚަބަރު

ދިވެހިރާއްޖެއާއި ކިންގްޑަމް އޮފް ލެސޯތޯ އާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފި

ދިވެހިރާއްޖެއާއި ކިންގްޑަމް އޮފް ލެސޯތޯ އާ ދެމެދު ރަސްމީކޮށް މިއަދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފިއެވެ.

އެމެރިކާގެ ނިއުޔޯކްގައި ހުންނަ ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި، ދެޤައުމުގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރުމުގެ ޖޮއިންޓް ކޮމިއުނިކޭގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެން އެވެ. އަދި ލެސޯތޯގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އެންކޮޕާނޭ ރަސީންގް މޮންޔާނޭއެވެ.

ދިވެހިރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް އިހްތިރާމްކުރާ އަދި އެ ގުޅުމުގެ އަގު ވަޒަންކުރާ ޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހްގެ ޚާރިޖީ ސިޔާސަތުގައި އިސްކަންދޭ އެއް ކަންތަކެވެ. ދިވެހިރާއްޖެއާއި ލެސޯތޯއަކީ ކުޑަ ދެޤައުމަށް ވެފައި، ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރުމާއެކު ދެޤައުމު ގުޅިގެން ބައިނަލްއަޤްވާމީ މަސްރަހުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް މަގު ފަހިވެގެންދާނެއެވެ. 2.12 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލެސޯތޯއަކީ އެޤައުމުގެ ވަށައިގެން ދެކުނު އެފްރިކާ އޮންނަ ލޭންޑް ލޮކްޑް ޤައުމެކެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960