ޚަބަރު

ދިވެހިރާއްޖެ އިން ކުވޭތަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ކުވައިތުގެ އަމީރަށް އަރުވައިފި

16 މެއި 2017، ކުވައިތު ސިޓީ،

ދިވެހިރާއްޖެއިން ކުވޭތަށް ކަނޑައެޅުއްވި ފުރަތަމަ ނޮން ރެސިޑެންޓް ސަފީރު، އަލްފާޟިލް ޢަބްދުﷲ ޙަމީދު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ކުވައިތުގެ އަމީރު ހިޒް ހައިނަސް ޝެއިޚް ޞަބާހް އަލް އަޙްމަދު އަލް ޖާބިރު އަލް ޞަބާޙްއަށް މިއަދު އަރުވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ކުރިޔަށް ދިޔައީ ކުވޭތުގެ ބަޔާން ޕެލެސްގައެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުމުގެ ރަސްމިއްޔާތައްފަހު އަލްފާޟިލް ޢަބްދުﷲ ޙަމީދު ކުވޭތުގެ އަމީރު ހިޒް ހައިނަސް ޝެއިޚް ޞަބާހް އަލް އަޙްމަދު އަލް ޖަބީރު އަލް ޞަބާޙްއާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ސަފީރުކަމުގެ ފަތްކޮޅު އެރުއްވުމުގެ މުނާސަބަތުގައި ކުވޭތުގެ އަމީރު ސަފީރަށް ތަހުނިޔާ ދަންނަވާ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ދިވެހި ރައްޔިތުންނަށް މަރުޙަބާ ދެންނެވިއެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީއަށް އެހީތެރިކަން ބޭނުންވާ އެކި ދާއިރާތަކުން އެހީތެރިވެ ދިނުމުގައި ކުވޭތު އަބަދުވެސް ތައްޔާރަށް އޮންނާނެ ކަމުގައި ވިދާޅުވިއެވެ.

ސަފީރު ޢަބްދުﷲ ޙަމީދުގެ ވާހަކަފުޅުގައި ކުވޭތު ސަރުކާރުން ދިވެހިރާއްޖޭގެ ތަރައްޤީއަށް އެކި ދާއިރާތަކުން ވެދެއްވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވައި ދިވެހި ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާ އެމަނިކުފާނާ ޙިއްސާކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމައް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން އޮތްކަމުގައި ހާމަކުރެއްވިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960