Ref: 2024/PR/105
އދ.ގެ ފުރިހަމަ މެންބަރު ޤައުމެއްގެ ގޮތުގައި ފަލަސްތީން ބަލައިގަތުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ދިވެހިރާއްޖެއިން އަނެއްކާވެސް ގޮވާލައިފިއެވެ. ދިވެހިރާއްޖެއިން މިހެން ގޮވާލާފައިވަނީ އދ.ގެ އާންމު މަޖިލީހުން މިދިޔަ ހުކުރު ދުވަހު "އެޑްމިޝަން އޮފް ނިއު މެންބަރ ސްޓޭޓްސް ޓު ދަ ޔުނައިޓެޑް ނޭޝަންސް" ގެ ނަމުގައި ފާސްކޮށްފައިވާ ޤަރާރާށް ނިސްބަތްކޮށް، އ.ދ. ގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ބައްދަލުވުމުގައެވެ.
މިބައްދަލުވުމުގައި ދިވެހިރާއްޖެއިން ވަނީ އާންމު މަޖިލީހުން ފާސްކުރި ޤަރާރަށް މެންބަރު ޤައުމުތަކުން ލިބުނު ތާޢީދަކީ ސަލާމަތީ މަޖިލީހަށް ފޮނުވުނު ވަރުގަދަ މެސެޖެއް ގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ދިވެހިރާއްޖެއިން ވަނީ ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލާންޖެހިފައިވާ ހިތްދަތިކަމާއި ތަހައްމަލުކުރަމުންދާ އަނިޔާތައް ހުއްޓުމަށް އަވަސް ފިޔަވަޅުއެޅުމަށާއި، އިސްރާއީލުން ކުރަމުންދާ ޢަމަލުތަކަށް އެޤައުމު ޖަވާބުދާރީކުރުމަށް އ.ދ. ގެ މެމްބަރު ޤައުމުތަކަށް ގޮވާލާފައެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް ގެނައުމަށް އޮތް ހަމައެކަނި ގޮތަކީ، 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ޤުދުސް އަކީ އެ ޤައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅާ، ފަލަސްތީންގައި މިނިވަން ދައުލަތެއް ގާއިމުކުރުން ކަމަށްވެސް ދިވެހިރާއްޖޭގެ ބަޔާނުގައި ތަކުރާރުކޮށްފައިވެއެވެ.
އ.ދ. ގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ބައްދަލުވުން މިދިޔަ ހުކުރުދުވަހު އަލުން ހުޅުވާލާފައިވަނީ އަރަބް ގްރޫޕް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އަދި ނޮން-އެލައިންޑް މޫވްމަންޓް އިން އެދިގެންނެވެ.