ޚަބަރު

ޗައިނާގެ ސަފީރު ފޮރިން މިނިސްޓަރ ޝާހިދުގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފި

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ސަފީރު، ޖަންގ ލިޖޮންގް، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުގެ އަރިހަށް ވަދާއީ ޒިޔާރަތް މިއަދު ކުރައްވައިފިއެވެ. މިއަދު މެންދުރުފަހު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި އޮތް މި ބައްދަލުވުމުގައި، ޗައިނާއާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެމްބެސެޑަރ ޖަންގ ކުރެއްވި މިންނެތް މަސައްކަތަށާއި، އެމަނިކުފާނުގެ ސަފީރުކަމުގައި ދިވެހިރާއްޖެއަށް ވެދެއްވި އެހީތަކަށް މިނިސްޓަރ ޝާހިދުވަނީ ޝުކުރު ދަންނަވާފައެވެ. ކުރިއަށް އޮތްތަނުގައިވެސް ޚާރިޖީ ގުޅުމުގެ ތެރެއިން ދިވެހި ސަރުކާރާއި ގާތުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އެމްބެސެޑަރ ޖަންގ ދެއްވިއެވެ. އަދި ދިވެހި ސަރުކާރާއި ދިވެހިން އެމަނިކުފާނާއި ބެހެއްޓެވި ގާތްކަމާއި މެހުމާންދާރީއަށާއި، ދިވެހި ސަރުކާރުން ޗައިނާގެ ސަރުކާރާއި ޗައިނާގެ ރައްޔިތުންނަށް ދެއްވި އެއްބާރުލުމަށް އެމްބެސެޑަރ ޖަންގވަނީ ޝުކުރުދަންނަވާފައެވެ. ދިވެހިރާއްޖޭގެ ތަރައްގީއާއި، އިޖްތިމާޢީ ކަންކަމުގައި ދެއްވި އެއްބާރުލުމުގެ ސަބަބުން ދިވެހިންގެ މެދުގައި އެމްބެސެޑަރ ޖަންގގެ މަގުބޫލުކަން މިނިސްޓަރ ޝަހިދުވަނީ ފާހަގަ ކުރައްވާފައެވެ. އަދި ކޮވިޑް-19 ގެ ހީނަރުކަމުން އަރައިގަތުމަށް ދިވެހިރާއްޖެއަށް ވެދެއްވި އެހީއަށް އެމްބެސެޑަރ ޖަންގއަށް މިނިސްޓަރ ޝާހިދު ޝުކުރުދެންނެވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އެމަނިކުފާނު ކުރައްވާ މަސައްކަތްތައް ކާމިޔާބުވާނެކަމަށް އުއްމީދު ކުރައްވާކަމަށާއި، ދިވެހިރާއްޖެއިން އަބަދުވެސް އެމަނިކުފާނަށް މަރުހަބާ ދަންނަވާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960