ޚަބަރު

ބަންގްލަދޭޝްގައި މެޑިސިން ކިޔަވަމުންދާ 28 ދިވެހި ދަރިވަރުންނަށް ދިމާވެފައިވާ ރަޖިސްޓްރީ ކުރުމުގެ މައްސަލަައިގައި ދިވެހި ސަފީރު އެކުދިންނާ ބައްދަލުކުރައްވައިފި

23 ޖެނުއަރީ 2017 ، މާލެ، Ref: 2017-025

ބަންގްލަދޭޝްގެ ޗިޓަގޮންގް ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ ގައި މެޑިސިން ހަދަމުންދާ ދިވެހި ކަޔަވާކުދިންނަށް ދިމާވެފައިވާ ރެޖިސްޓްރޭޝަންގެ މައްސަލައާ ގުޅޭގޮތުން ދިވެހިރާއްޖެއިން ބަންގްލަދޭޝް އަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު އަލްފާޟިލާ އައިޝަތު ޝާން ޝާކިރު މިއަދު އެކުދިންނާ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި މިމައްސަލައާ ގުޅޭގޮތުން ދިވެހި ސަރުކާރުން ކުރަމުންދާ ކަންތައްތަކުގެ މައުލޫމާތު އެކުދިންނަށް ދެއްވިއެވެ. އަދި މައްސަލަ ހައްލުކުރުމަށް ބަންގްލަދޭޝް ސަރުކާރާއެކު ކުރަމުންގެންދާ މަސައްކަތް ކުރިއަށްގެންދަވާނެ ކަމުގެ ޔަޤީންކަން އެކުދިންނަށް ދެއްވިއެވެ.

ބަންގްލަދޭޝްގައި އަމިއްލަގޮތުން މެޑިސިން ހަދަމުންދާ 28 ދަރިވަރަކަށް ދިމާވެފައިވާ މިމައްސަލަ ވަނީ ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެޤައުމުގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ގެނެސްފައެވެ. އަދި ބަންގްލަދޭޝްގައި ހުންނަ ދިވެހި އެންބަސީން ވަނީ ބަންގްލަދޭޝްގެ ހެލްތް މިނިސްޓރީއާއި ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އަށް ވެސް މިމައްސަލަ ހުށަހަޅާ އަދި އަވަސް ހައްލެއް ހޯދާދިނުމަށް އެދިފައެވެ. މީގެ އިތުރުންެ ޗިޓަގޮންގް ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ވައިސް ޗާންސެލަރ އާއި އެންބަސީގެ އޮފިޝަލުން ވާހަކަ ދައްކައި މިކަން މިހާރުން މިހާރަށް ހައްލުކޮއްދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

ޗިޓަގޮންގް ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ ގައި މެޑިސިން ހަދާ އެކި ޤައުމު ތަކުގެ ދަރިވަރުން ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީ ކުރުމުގެ މައްސަލަ މީގެ ކުރިންވެސް ވަނީ ޖެހިފައެވެ. މިގޮތުން 2014 ވަނަ އަހަރު ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ޤަވައިދު ތަކާ ހިލާފުވެގެން އެ ޔުނިވަރސިޓީ ވަނީ ބަންދުކޮށްފައެވެ. އަދި އަނބުރާ ހުޅުވުމުގެ ހުއްދަ ދެއްވާފައިވަނީ ގިނަ ޝަރުތު ތަކެއް ފުރިހަމަ ކުރުމުންނެވެ.

މިމައްސަލައަށް އަވަސް ހައްލެއްހޯދުމަށް ދިވެހި ސަރުކާރުން ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުންގެންދާ މަސައްކަތް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން އަރުވަމެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960