ޚަބަރު

އަލްޖީރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޚާރިޖީ ވަޒީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
Featured

އަލްޖީރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޚާރިޖީ ވަޒީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

Ref: 2025/PR/171

އަލްޖީރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އަބްޑެނަރ ޚެލިފީ، ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި އިޙުތިރާމްގެ ޒިޔާރަތް ކުރެއްވީ އިއްޔެ ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެމަނިކުފާނަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހުގައެވެ.

ޚާރިޖީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި މިނިސްޓަރ ޑޮކްޓަރ ޚަލީލް ވަނީ ސަފީރު އަބްޑެނަރ ޚެލިފީ އަށް ތަޙުނިޔާ ވިދާޅުވެ، ސަފީރު ޚެލިފީގެ ސަފީރުކަމުގައި ދިވެހިރާއްޖެއާއި އަލްޖީރިއާއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ވަރުގަދަވެ، ފުޅާވެގެންދާނެކަމުގެ ފުރިހަމަ އިތުބާރު އޮތްކަން ފާޅުކުރައްވާފައެވެ.

މީގެ އިތުރުން، މިނިސްޓަރާއި ސަފީރު ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާއި، ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. ޚާއްޞަކޮށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގެ ތެރެއިން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަން ޔަޤީންކުރައްވައި، ބައިނަލްއަޤްވާމީ މައިދާނުގައި އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމާމެދު މަޝްވަރާކުރެއްވިއެވެ. 

މިނިސްޓަރ ޚަލީލް އަރިހުގައި ސެކްރެޓަރީ، ޑރ. ހާލާ ޙަމީދު، އެމްބެސެޑަރ-އެޓް-ލާރޖް ޢަބްދުﷲ ޙަމީދު، ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީހާ، ސީނިއަރ އަންޑަރ ސެކްރެޓަރީ ފާތިމަތު ނައީމާ އަދި ޑެޕިއުޓީ ޑެސްކް އޮފިސަރ ފާތިމަތު މަލްސާ މުޙައްމަދު ބައިވެރިވެވަޑައިގަތެވެ.
ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960