ޚަބަރު

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވެފައިވާ ކުއްލި ހާލަތުން އަރައިގަތުމަށް އަވަސް މިނެއްގައި ހައްލު ހޯދުމަށް ދިވެހިރާއްޖެއިން އދ. ސަލާމަތީ މަޖިލީހަށް ގޮވާލައިފި

Ref: 2024/PR/35

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ގުޅިގެން ދުނިޔެއަށް މިހާރު ކުރިމަތި ވެފައިވާ ކުއްލި ހާލަތުން އަރައިގަތުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދިވެހިރާއްޖެއިން  އދ. ގެ ސަލާމަތީ މަޖިލީހުގައި ގޮވާލައިފިއެވެ. ދިވެހިރާއްޖެއިން މިގޮތަށް ގޮވާލާފައިވަނީ, ކްލައިމެޓް ޗޭންޖުގެ ސަބަބުން ކާބޯތަކެތި ލިބުމަށް ހުރި ހުރަސްތަކާ ގުޅޭގޮތުން ސަލާމަތީ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ބަހުޘް ގައި ޝާޛޭ ޑި އެފެއާޒް ޑޮކްޓަރ އަލީ ނަސީރު މުހައްމަދު ދެއްކެވި ވާހަކަފުޅުގައެވެ.

ޑޮކްޓަރ އަލީ ނަސީރު މުހައްމަދުގެ ވާހަކަފުޅުގައި, އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ބައިނަލްއަޤްވާމީ ސަލާމަތާއި ސުލްޙައަށް ކުރިމަތިވަމުން އަންނަ ނުރައްކާ ދުނިޔޭގެ ސަމާލުކަމަށް ދިވެހިރާއްޖެއިން ތަކުރާރުކޮށް ގެންނަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ހައްލަކީ, މޫސުމަށް ބަދަލު ގެންނަ ވިހަ ގޭސް އުފެއްދުން މަދުކުރުން ކަމަށާއި, މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގެއްލުން ލިބިފައިވާ އަދި އެކަމުގެ ނޭދެވޭ އަސަރު ތަހައްމަަލު ކުރަމުންގެންދާ ޤައުމުތަކަށް އެހީތެރިކަން ފޯރު ކޮށްދިނުން ކަމަށް ވެސް އެމަނިކުފާނު ވަނީ ދަންނަވާފައެވެ. 

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ފުރަތަމައަށް އަދި އެންމެ ބޮޑަށް ގެެއްލުން ލިބެނީ ދިވެހިރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކަމަށްވެސް ޑޮކްޓަރ އަލީ ނަސީރު މުހައްމަދު ފާހަގަކުރެއްވިއެވެ. އަދި ނިންމަވާލައްވަމުން އެމަނިކުފާނުވަނީ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން މުޅި ބައިނަލްއަޤުވާމީ މުޖުތަމަޢު ނުރައްކަލަށް ހުށަހެޅިގެންދާކަމަށާއި، މިކަމުގައި އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހެނީ މިކާރިޘާގެ ޒިންމާ އެންމެ ކުޑަކޮށް އުފުލަންޖެހޭ ޤައުމުތަކުންކަމަށްވެސް ބަޔާންކުރައްވާފައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960