ބަޔާންތައް

ޤާނޫނު ނަންބަރު 20/2021 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނު)އިން ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ނަމުގައި ވަކި ޚިދުމަތެއް ޤާއިމުވުމުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް ޢަބްދުﷲ ޝާހިދު (ނ.ޢ.ޢ.ވ) ދެއްވާ ޚިޠާބު

بسم الله الرحمن الرحيم

الحمد لله رب العالمين، والصلاة والسلام على رسول الله المبعوث رحمة للعالمين وعلى آله وصحبه وسلم މިއަދަކީ ދިވެހިރާއްޖޭގެ ޚާރިޖީ ދާއިރާގެ މުވައްޒަފުންގެ ވަރަށް ބޮޑު އުއްމީދެއް ހަޤީޤަތަކަށް ވެގެން ދާ ދުވަހެކެވެ. ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނު ތަންފީޒުކުރަންފަށާދުވަހެވެ. މި އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. މިއަދު ތަންފީޒުކުރަން މި ފަށާ ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނަކީ ޚާރިޖީ ސިޔާސަތު ހިންގުން ހަރުދަނާކުރެއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވަރުގެ ނަތީޖާއެކެވެ. ދިވެހި ޚާރިޖިއްޔާގެ އެންމެހާ މުވައްޒަފުންނަށް މި ތާރީޚީ ދުވަހުގެ ތަހުނިޔާ އާއި މުބާރިކްބާދީ ދަންނަވެމެވެ. ވަކިން އެކުލަވާލެވިފައި އޮންނަ ފޮރިން ސަރވިސްއެއް، އެއީ ވަރަށް ގިނަ މުވައްޒަފުން ވަރަށް ދިގު މުއްދަތަކަށް ދެކެމުން އައި ހުވަފެނެކެވެ. މިހުވަފެން ހަގީގަތަކަށް ހެދުމުގެ ދިގު ރާސްތާގައި މަސައްކަތްކުރައްވާފައިވާ އެންމެހާ ބޭފުޅުންގެ ހަނދާން އައުކޮށް އެ އެންމެ ބޭފުޅުންގެ މަސައްކަތްޕުޅުތައް ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.
އަދި މިގޮތުން، ރާއްޖޭގެ ޚާރިޖއްޔާގެ މަސައްކަތަކީ ވަކި ސަރވިސްއެއްގެ ދަށުން ހިނގާ މަސައްކަތެއްގެ ގޮތުގައި އިންތިޒާމު ކުރެއްވުމުގެ ތަޞައްވަރު އެންމެ ފުރަތަމަ ގެންގުޅުއްވި ދިވެހި ޚާރިޖިއްޔާގައި އެންމެ ގިނަ ދުވަހު ވަރަށް އަގު ހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޚާރިޖީ ވަޒީރު އަލްއުސްތާޛް ފަތުޙުﷲ ޖަމީލު(ނ.ޢ.ޢ.ވ)ގެ ނަންފުޅު ޚާއްސަކޮށް މިއަދު އަޅުގަނޑު ފާހަގަކޮށް އެމަނިކުފާނުގެ ޛިކުރާ އާކޮށް، އެމަނިކުފާނުގެ ފުރާނަފުޅަށް ﷲ ޞުބުޙާނަހޫ ވަޠަޢާލާ ހެޔޮ ރަޙްމަތް ލެއްވުމަށް އެދި ދުޢާ ކުރަމެވެ.
ޝައްކެތް ނެތްގޮތުގައި ވަކި ޚިދުމަތެއްގެ ގޮތުގައި ފޮރިން ސަރވިސްއެއް ޤާއިމްކުރެވުމުން އަޅުގަނޑުމެންގެ މަސައްކަތްތައް އިތުރަށްހަލުވިވެ، ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. ދިވެހިރާއްޖޭގެ ފޮރިން ސަރވިސް އަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެންމެ ކުރީ ސަފުގައި އަބަދުވެސް ތިބެންޖެހޭނެ ބައެކެވެ. ފަސްޓް ލައިން އޮފް ޑިފެންސް އެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ އެންމެ އިސް ވާޖިބަކީ ދިވެހިރާއްޖޭގެ ސަރަހައްދުގެ މިނިވަންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ ޤައުމީ ސިޔާސަތަށް އިޙުތިރާމު ކުރުން އިތުރުކުރުމާއެކު ދިވެހިރާއްޖޭން ބައިނަލްއަޤްވާމީ މުޖުތަމަޢަށް އަދާކުރަން ޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރުމުގައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ސިޔާސަތު ތަންފީޒުކުރުމެވެ. މި މަތިވެރި މަސައްކަތުގައި ދިވެހި ޚާރިޖިއްޔާއިން ދެގޮތެއް ނުވެ އިޚްލާސްތެރިކަމާއެކު ޚިދުމަތްކުރުމުގައި ދެމިތިބެންޖެހޭނެއެވެ.
ދިވެހި ފޮރިން ސަރވިސްއިން މިއަދު ދެކެމުން މިދަނީ ދިވެހި ޚާރިޖިއްޔާގެ 128 އަހަރުގެ ހަޔާތުގައި ކުރިން ނުދެކޭ ފަދަ ކާމިޔާބު ދުވަސްތަކެކެވެ. މިގޮތުން، އ.ދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ ހޮވިގެން ދިއުމަކީ ބައިނަލް އަޤްވާމީ މައިދާނުގައި ރާއްޖެއަށް މިހާތަނަށް ލިބިފައި ވާ ބޮޑު ކާމިޔާބީއެކެވެ. މި ކާމިޔާބީއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަމާއި ދިވެހި ޚާރިޖިއްޔާގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތުގެ ފޮނި ނަތީޖާއެވެ.

ޚާރިޖީ ދާއިރާގެ ގާބިލްކަމާއި ހުނަރުވެރިކަން އިތުރުކުރުމުގެ ގޮތުން މުވައްޒަފުން ބިނާކުރުމަށް އަބަދުވެސް އިސްކަމެއްދެއެވެ. 1983 ގައި މި މިނިސްޓްރީގައި އަޅުގަނޑު މަސައްކަތްފެށިއިރު، މި މިނިސްޓްރީގައި މަތީ ތަޢުލީމު ޙާސިލުކުރައްވައިގެން ތިއްބެވީ އެންމެ ތިން ބޭފުޅުންނެވެ. ނަމަވެސް، މިއަދު މިމިނިސްޓްރީގައި މަތީ ތަޢުލީމް ހާޞިލްކުރައްވައިގެން ތިއްބެވި 79 މުވައްޒަފުން އެބަ ތިއްބެވިކަން ފަޚުރުވެރިކަމާއެކު ފާހަގަކުރަމެވެ. މިއީ، މިނިސްޓްރީގެ ކެރިއަރ އޮފިސަރުންގެ ގޮތުގައި ޚިދުމަތްކުރައްވަމުންގެންދަވާ މުވައްޒަފުންގެ 64 އިންސައްތައެވެ. މިއަދު ދިވެހި ފޮރިން ސަރވިސްގެ ޤާނޫނު ތަންފީޒުކުރަންފަށާއިރު ދިވެހި ޚާރިޖިއްޔާގައި މިންތީގެ ހަމަހަމަކަން ގާއިމްކުރެވިފައިވާކަން ފަހުރުވެރިކަމާއެކު އަޅުގަނޑު ފާހަގަކުރަމެވެ. އެންމެހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއި އިންސާފުވެރިކަން ގާއިމުވެ ކޮންމެ މުވައްޒަފަކަށްވެސް އެމުވައްޒަފެއްގެ ހިންމަތާ މިންނަތް މަސައްކަތުން ޚާރިޖީ ދާއިރާގެ އެންމެ މަތީ ހަރުފަތަށް ދިއުމުގެ ފުރުސަތު ހުޅުވިގެންދިއުމަކީ ދިވެހި ފޮރިން ސަރވިސްގެ އެންމެ މުހިންމު އެއް ސިފައެވެ. އަޅުގަނޑުގެ ދުޢާއަކީ މާތްﷲ އަޅުގަނޑުމެން މިކުރާ އިޚުލާޞްތެރި މަސައްކަތުގައި ބަރަކާތް ލައްވައ، ކާމިޔާބު މިންވަރު ކުރެއްވުމެވެ. އާމިން.

والسلام عليكم ورحمةالله

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960