ބަޔާންތައް

ނޫސް ބަޔާން : ޗާގޯސްގެ ޑީކޮލޮނައިޒޭޝަންއާ ގުޅޭ ގަރާރަށް އދ.ގައި ވޯޓުލުމާ ގުޅޭ

ނޫސް ބަޔާން : ޗާގޯސްގެ ޑީކޮލޮނައިޒޭޝަންއާ ގުޅޭ ގަރާރަށް އދ.ގައި ވޯޓުލުމާ ގުޅޭ

1965 ވަނަ އަހަރު ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބި، 21 ސެޕްޓެމްބަރު 1965ގައި އދ.ގެ މެންބަރަކަށްވުމަށްފަހު، ބައިނަލްއަޤްވާމީ ދުނިޔޭގައި އިސްތިއުމާރީ އަޅުވެތިކަމާ ދެކޮޅަށް ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުނު ހުރިހާ ސަރުކާރަކުންވެސް ވަނީ އަޑުއުފުލާފައެވެ. އަދި އެއީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދެމުން އައިސްފައިވާ، ދެގޮތެއްނުވާ ކޮންސިސްޓަންޓް ސިޔާސަތެކެވެ. މިގޮތުގެ މަތިން ދިވެހިރާއްޖެއަށް އދ.ގެ މެންބަރުކަން ލިބުމަށްފަހު ދުނިޔޭގެ އެކި ބައްރުތަކުގައި އިސްތިއުމާރީ އަޅުވެތިކަމުގެ ދަށުގައި ހުރި އެތައް ގައުމެއް މިނިވަންވެ، އދ.ގެ މެންބަރުންގެ ގޮތުގައި މިއަދު އެބަތިއްބެވެ. އަދި އެހުރިހާ މައްސަލަތަކަކަށް ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުނު ހުރިހާ ސަރުކާރުތަކަކުން ވަނީ ތާއިދުކޮށްފައެވެ.

ދިވެހިރާއްޖޭގެ ދެކުނަށް އޮތް ޗާގޮސް އާކިޕެލާގޯއަކީ އެ ރަށްރަށުގައި ތިބި މީހުން އެތަނުން ބާލައި އިނގިރޭސި އިސްތިއުމާރީ އަޅުވެތިކަމުގެ ދަށުގައި އޮތް ތަނެއްކަމަށާއި އެއީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއްކަމުގައި ބުނެ މަޝްވަރާކުރެވެމުން އަންނަތާ އެތައް އަހަރުތަކެއް ވުމަށްފަހު، 2017 ވަނަ އދ.ގެ އާންމު މަޖިލީހުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި މި މައްސަލައާ ބެހޭ އިސްތިޝާރީ ލަފައަކަށް އެދުނެވެ. އަދި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ފެބްރުއަރީ 2019 ގައި ނެރުނު "އައި.ސީ.ޖޭ. އެޑްވައިޒަރީ އޮޕީނިއަން އޮން ލީގަލް ކޮންސީކުއެންސަސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޮސް އާކިޕެލަގޯ ފްރޮމް މޮރިޝަސް އިން 1965" ގައި ކަނޑައަޅާފައިވަނީ ޗާގޮސް އާކިޕެލާގޯއަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއްކަމަށެވެ.

މިގޮތަށް މި އިސްތިޝާރީ ލަފައާ ގުޅުވައި މޮރިޝަސްއާއި އެފްރިކާގެ ޤައުމުތަކާއި ވަކި ފަރާތަކަށް ނުޖެހޭ ހަރަކާތުގެ (ނޮން އެލައިންޑް މޫވްމަންޓް) ގައުމުތަކާ ގުޅިގެން 22 މެއި 2019 ގައި އދ.ގެ ޢާންމު މަޖިލީހަށް ގަރާރެއް ހުށަހެޅިއެވެ. މި ގަރާރުގައި 6 މަސް ދުވަހުގެ ތެރޭގައި ޗާގޮސް އާކިޕެލާގޯ މޮރިޝަސްއާ ހަވާލުކުރުމަށް ވަނީ ގޮވާލާފައެވެ. އެ ޤަރާރަށް އދ.ގެ އާންމު މަޖިލީހުގައި ވޯޓަށް އެހުމުން، ދިވެހިރާއްޖެއިން ވަނީ އެ ޤަރާރާ ދެކޮޅަށް ވޯޓުދީފައެވެ. 2019 ވަނަ އަހަރުގެ އެ ގަރާރަށް ދެކޮޅަށް ވޯޓުދިނީ ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށްވުރެ އިތުރުކުރުމަށް ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްޕް (ސީ.އެލް.ސީ.އެސް.) އަށް 26 ޖުލައި 2010 ގައި ރާއްޖެއިން ހުށަހެޅި ހުށަހެޅުމަށް މޮރިޝަސްއިން އިޢުތިރާޟުކޮށް، 24 މާޗް 2011 ގައި "ފޯމަލް ޕްރޮޓެސްޓް" ހުށަހަޅާފައިވާތީއެވެ.

ދިވެހިރާއްޖެއާ މޮރިޝަސްއާ ދެމެދު އޮތް ގުޅުމަށާއި ދިވެހިރާއްޖެ މިނިވަން ވީއްސުރެ އދ.ގެ އާންމު މަޖިލީހުގައި ގެންގުޅެމުން އަންނަ އިސްތިއުމާރީ އަޅުވެތިކަމާ ދެކޮޅު ސިޔާސަތަށް ބިނާކޮށް، އެފަދަ ޤައުމުތަކަށް ތާއީދުކުރުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ކޮންސިސްޓެންސީ ހިފެހެއްޓޭނެ ގޮތްކަމުގައި ފެންނާތީ، އެޑްވައިޒަރީ އޮޕީނިއަން އޮން ލީގަލް ކޮންސީކުއެންސަސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޮސް އާކިޕެލަގޯ ފްރޮމް މޮރިޝަސް އިން 1965ގެ ނަމުގައި އދ.ގެ އާންމު މަޖިލީހަށް ހުށަހެޅޭ ގަރާރުގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓުދިނުމަށް ދިވެހި ސަރުކާރުން ވަނީ ނިންމާފައެވެ.

އދ.ގެ އާންމު މަޖިލީހުގައި ދޭ ވޯޓުގެ މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ ގައި މިހާރު ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެކެވެ.

ޗާގޮސް އާކިޕެލާގޯގެ މައްޗަށް ސިޔާދަތީ ބާރު ހިންގާ ޤައުމުގެ މައްސަލައަކީ މޮރިޝަސްއާއި އިނގިރޭސިވިލާތުގެ ދެމެދުގައި އޮތް މައްސަލައެކެވެ. އަދި ރާއްޖޭގެ ސީދާ ބައިވެރިވުން އޮތް މައްސަލައެއް ނޫނެވެ.

އަދި އދ.ގެ އާންމު މަޖިލީހުގައި ޗާގޮސްގެ މައްސަލައާ ގުޅޭގޮތުން ގަރާރެއް ހުށަހަޅައިފިނަމަ، އެ ގަރާރަށް ވޯޓުދިނުމުގެ ކުރިން "އެކްސްޕްލެނޭޝަން އޮފް ވޯޓް" ގެ ފުރުޞަތުގައި، އެ ގަރާރަކަށް ދެކޮޅު ނުހެދުމަކީ، ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލްގައި ވަކާލާތުކުރަމުން ގެންދާ މައްސަލައިގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމެއް ކަމުގައި ބުނުމަށް ނިންމައި، އެކަން މޮރިޝަސްގެ ސަރުކާރަށް ވާނީ އަންގާފައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960