ބަޔާންތައް

ނޫސް ބަޔާން : 12 ނޮވެމްބަރ 2022 ވަނަ ދުވަހު "ދިޔަރެސް" ނޫހުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު (ނ.ޢ.ޢ.ވ) ބަދުނާމު ވާގޮތަށް ޝާއިޢުކޮށްފައިވާ ހަޤީޤަތާއި ޚިލާފު ޚަބަރާ ގުޅޭ

ނޫސް ބަޔާން

12 ނޮވެމްބަރ 2022 ވަނަ ދުވަހުގެ 19:39 ގައި ދިޔަރެސް ނޫހުގައި ޝާއިޢުކޮށްފައިވާ "މަސްތުވާތަކެއްޗާއެކު ޕާޓީކުރަން ތިއްބައި ހައްޔަރުކުރި 12 މީހަކު ހައްޔަރުކުރީ އަބްދުلله ޝާހިދުގެ ގެއިން" ކަމަށް ލިޔެފައިވާ ޚަބަރުގައިވާ މަޢުލޫމާތުތަކަކީ ކަނޑައެޅިގެން ޙަޤީގަތާއި ޚިލާފް ދޮގު މަޢުލޫމާތު ހިމަނައިގެން ލިޔެފައިވާ ޚަބަރެއް ކަމުގައި ދަންނަވަމެވެ. މިއީ ދިވެހި ރައްޔިތުންނަށް ސީދާ އޮޅުވާލުމުގެ މަޤްސަދުގައި އަދި މިނިސްޓަރ ޢަބްދުﷲ ޝާހިދު ބަދުނާމުކޮށް، އެމަނިކުފާނުގެ އަބުރުފުޅު ކަތިލުމުގެ ނިޔަތުގައި، "ދިޔަރެސް" ނޫހުގައި ޝާއިޢުކޮށްފައިވާ ހަޤީޤަތާއި ޚިލާފު ދޮގު ޚަބަރެކެވެ. ކަން ހިންގާފައިވާ ގޮތަށް ބަލާއިރު އަދި ދިވެހި ފުލުހުންގެ ޚިދުމަތުން ދީފައިވާ ސައްޙަ މައުލޫމާތުން އިންގޭ ގޮތުގައި، މިއީ މިނިސްޓަރ ޝާހިދު އާ އެއްވެސް މިންވަރަކަށް ގުޅުންހުރި ކަމެއް ނޫން ކަމާ އަދި އެކަން ހިނގައިފައިވަނީ މިނިސްޓަރ ޝާހިދު އާ އެއްވެސް ވަރަކަށް ގުޅުންހުރި އިމާރާތެއްގައި ނޫންކަން ވަރަށް ސާފުކޮށް އެނގުނެވެ.

ފުލުހުންގެ ފަރާތުން ލިބުނު މަޢުލޫމާތުގެ އަލީގައި މި ޚަބަރުގައިވާ މަޢުލޫމާތަކީ ދޮގު މަޢުލޫމާތެއްކަން އެނގިގެން މި މިނިސްޓްރީގެ ފަރާތުން އެ ޚަބަރަކީ ހަގީގަތާ ޚިލާފް ދޮގު މަޢުލޫމާތު ހިމެނޭ ޚަބަރެއްކަން ނޫހުގެ ކިޔުންތެރިންނާއި ދިވެހި ރައްޔިތުންނަށް އޮޅުން ފިލުވައިދީ، ކަން ހިނގި ގޮތުގެ އަސްލު ހޯދައި، ހާމަކޮށްދިނުމަށް ދިޔަރެސް ނޫހުގައި އެދިފައި ވާނެއެވެ. ނަމަވެސް ދިޔަރެސް ނޫހުން މިކަމަށް އިޖާބަ ނުދިނުމުން، ތަކުރާރުކޮށް މިމިނިސްޓްރީން ފަހުން ގުޅުމުން ފޯނަށް މިހާރު ޖަވާބެއް ވެސް ނުދޭ ކަމުގައި ދަންނަވަމެވެ. މިކަމުން ވެސް އެނގި ޔަގީން ވަނީ މި ދޮގު ޚަބަރު ދިޔަރެސް ނޫހުގައި ޝާއިޢުކުރީ، ވަކި ސިޔާސީ މަޤްސަދެއް ޙާޞިލް ކުރުމުގެ ނިޔަތުގައި ކަމެވެ. މިއީ، ދެފުށް ފެންނަ މިނިވަން ޕްރޮފެޝަނަލް ނޫސްވެރިކަމެއް ކުރިއަށް ގެންދިއުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މި ސަރުކާރުން ނޫސްވެރިންނަށް ދީފައިވާ މިނިވަންކަމުގެ ނިވަލުގައި ތިބެ، އެމިނިވަންކަން ނަހަމަގޮތުގައި ބޭނުންކޮށްގެން ދިޔަރެސް ނޫހުން ހިންގި ވަރަށް ނާތަހުޒީބު ފިނޑި ޢަމަލެކެވެ. އަދި މި ކަންކޮށްފައި ވަނީ ޒާތީ ތަޢައްސުބް އިސްކޮށް، ސިޔާސީ މަންފާއެއް ހޯދުމުގެ ވިސްނުމުގައި ކަން، ހިތާމަޔާއެކު ތަކުރާރުކޮށް ފާހަގަ ކުރަމެވެ.

ދިވެހި ހުރިހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި މިނިސްޓްރީން ދަންނަވާލަން އޮތީ މިޚަބަރަކީ ދޮގު މަޢުލޫމާތު ހިމަނައިގެން ލިޔެފައިވާ ޚަބަރެއްކަމަށާއި މިއީ މިނިސްޓަރ ޝާހިދުގެ އަބުރުފުޅާއި ކަރަމާތް ގެއްލުވާލުމުގެ ނިޔަތުގައި ލިޔެފައިވާ ދޮގު ޚަބަރެއް ކަމުގަ އެވެ. އަދި މިޚަބަރާއި ގުޅިގެން މި މިނިސްޓްރީގެ ޕަބްލިކް އިންފޮމޭޝަން ޔުނިޓުން މިހާރު ވަނީ މިމައްސަލަ އިތުރަށް ތަޙްޤީގުކޮށްދެއްވައި އެކަށީގެންވާ ފިޔަވަޅު އަޅައިދިނުމަށް އެދި މޯލްޑިވްސް މީޑިއާ ކައުންސިލަށް ރަސްމީކޮށް ލިޔުމުން އަންގާފައި ވާނެ ކަމުގައި ވެސް ދިވެހި ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މިމިނިސްޓްރީން ދިޔަރެސް ނޫހަށް އިލްތިމާސް ކުރަނީ، މަތީގައި ދެންނެވި ޚަބަރު ރަނގަޅުކޮށް، ކިއުންތެރިންގެ ކިބައިން މަޢާފަށް އެދި ކުރިމަގުގައި މިފަދަ ދޮގު ޚަބަރު ޝާއިޢު ނުކޮށް، ޕްރޮފެޝަނަލް ނޫސްވެރިންގެ ގޮތުގައި ނޫސްވެރިކަން ކުރުމަށެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960