Ref: 2024/Statement/24
އިސްރާއީލު ސަރުކާރުގެ އޮފިޝަލުން، ދެ ވަޒީރުންނާއި ނެސެޓްގެ މެންބަރުން ހިމެނޭގޮތަށް، މަސްޖިދުލްއަލްއަޤްޞާއަށް ވަދެ ހިންގި ހަމަނުޖެހުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. މިއީ މުސްލިމް އުއްމަތުގެ އެންމެ މުޤައްދަސް އެއް ބިނާގެ ހުރުމަތް ކަނޑާލާ، މުސްލިމުންނާ ދެކޮޅަށް ހިންގި އަނިޔާވެރި އަމަލެއް ކަމުގައި ދެކެމެވެ.
އިސްރާއީލުން އަލްއަޤްޞާ މިސްކިތަށް ތަކުރާރުކޮށް ވަންނަމުން ދިއުމަކީ މެދުއިރުމަތީ ސަރަޙައްދުގައި ޞުލްޙަ ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެޅިގެންދާ ހުރަހެއްކަމުގައި ދެކި، އެކަމާމެދު ދިވެހިރާއްޖެއިން ކަންބޮޑުވުން ފާޅުކުރަމެވެ.
ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ފަލަސްޠީނުގެ ރައްޔިތުންނާ އެކުގައި ކަމާއި، ފަލަސްޠީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ސުލްޙަވެރި އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢު ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން އަނެއްކާވެސް ގޮވާލަމެވެ.
ނިމުނީ