Ref: 2025/Statement/18
އިސްރާއީލުން ޤަޠަރުގެ ވެރިރަށް ދޯހާއަށް ދިން ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އިސްރާއީލުން ޤަޠަރަށް ދީފައިވާ މި ހަމަލާއަކީ ބައިނަލްއަޤްވާމީ ޤާނޫނާއި މުޅިންހިލާފު އަދި ޤަޠަރުގެ ސަލާމަތާއި، ސިޔާދަތީ މިނިވަންކަމަށް އަރައިގަތުމުގެ ފިނޑިއަމަލެކެވެ.
އަދި އިސްރާއީލުގެ މިފަދަ ޣައިރު ޤާނޫނީ އަމަލުތަކުގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުން ޤާއިމުކުރުމަށް ކުރެވޭ މަސައްކަތަށް އިތުރަށް ހުރަސްއެޅި މަސްރަހު އިތުރަށް ހޫނުވެ އަދި އެ ސަރަޙައްދުގައި ސުލްޙަވެރި ޙައްލެއް ހޯދުމަށް ކުރާ މަސައްކަތްތަކަށް އިތުރު ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމުގައި ދެކެމެވެ.
ދިވެހިރާއްޖެއިން ޤަޠަރުގެ ސަރުކާރާއި ރައްޔިތުންނާއެކު ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށާއި ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް، އިސްރާއީލުން ކުރަމުންދާ ޣައިރު ޤާނޫނީ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ބާރުއެޅުމަށާއި، ސަރަހައްދުގެ މަޞްލަހަތު އިތުރަށް ގޯސްވިޔަނުދިނުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ގޮވާލަމެވެ.
ނިމުނީ.