ބަޔާންތައް

އިސްރާއީލުގެ އޮފިޝަލުންނާއި ވަޒަންވެރިން މަސްޖިދުލް އަލް އަޤްސާއަށް ވަދެގަތުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި.
Featured

އިސްރާއީލުގެ އޮފިޝަލުންނާއި ވަޒަންވެރިން މަސްޖިދުލް އަލް އަޤްސާއަށް ވަދެގަތުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި.

Ref: 2025/Statement/24

08 އޮކުޓޫބަރު 2025


މަސްޖިދުއް އަޤްޞާގެ އިމުގެ ތެރެއަށް އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުގެ އެހީގައި އިސްރޭލުގެ ވަޒަންވެރިންނާއި އޮފިޝަލުން  ވަދެ އެ މިސްކިތުގެ ހުރުމަތް ކަނޑާލި ކަނޑާލުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ
އިސްރާއީލުން ހުއްޓުމެއްނެތި ކުރިއަށް ގެންދަމުންދާ ލާއިންސާނީ މި ޢަމަލަކީ ބައިނަލްއަޤްވާމީ ޤާނޫނާއި، އިސްލާމީ މުޤައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުމުގެ އިތުރުން، އެފަދަ ތަންތަނުގެ ދީނީ އަދި ތާރީޚީ ހައިސިއްޔަތު ބަދަލުކުރުމަށް ތަކުރާރުކޮށް އިސްރާއީލުން ކުރަމުން ގެންދާ ނޭދެވޭ އަމަލެއްކަމުގައި ދިވެހި ސަރުކާރުން ދެކެމެވެ


އިސްރާއީލުން ކުރަމުން ގެންދާ ޣައިރު ޤާނޫނީ އަމަލުތަކާއި، އިސްލާމީ މުޤައްދަސު ތަންތަނުގެ ހުރުމަތް ކަނޑާލުމަށް ހިންގޭ އެންމެހާ އަމަލުތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ބައިނަލް އަޤްވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުން ގޮވާލަމެވެ.   އަދި އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއް ކުރުމަށްވެސް ގޮވާލަމެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ އަސާސީ އުސޫލުތަކާ ޚިލާފަށް އަދި އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ކެނޑިނޭޅި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަކީ އަޅާނުލާ ދޫކޮށްލެވިގެންވާނެފަދަ އަމަލުތަކެއް ނޫން ކަމަށް ދިވެހި ސަރުކާރުން ދެކެމެ


ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރާނެއެވެ. އަދި ބައިނަލްއަގްވާމީ ގާނޫނުތައް ނަގަހައްޓައި އިސްރާއީލުގެ ލާއިންސާނީ ހަމަލާތައް ހުއްޓުވައި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމުގެ އިތުރުން، ޕަލަސްތީނު ރައްޔިތުންގެ ސަލާމަތާއި، އިންސާނީ ކަރާމާތައި، އިންސާފު ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ދިވެހި ސަރުކާރުން ގޮވާލަމެވެ


ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960