Ref: 2025/Statement/12
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިންގައި ޑިޕްލޮމެޓިކް ވަފުދަކަށް ބަޑިޖަހައި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ދިން ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ބައިނަލްއަޤްވާމީ ޤާނޫނާއި ޑިޕްލޮމެޓިކް އުޞޫލުތަކާއި ހިލާފު މި އަމަލަކީ ނުހަނު ކަންބޮޑުވާކަމެއް ކަމަށާއި، މިއީ ބައިނަލްއަޤްވާމީ މުޖުތަމައުން ހަރުކަށި އިބާރާތުން ކުށްވެރިކުރެވެންޖެހޭ ކަމެކެވެ.
އަދި އިސްރާއީލުގެ މި އަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން އިސްރާއީލަށް މަތިކޮށްފައިވާ ވާޖިބުތަކާއި ޒިންމާތަކާއި މުޅިން ހިލާފުކަމެއްކަމަށާއި، ޑިޕްލޮމެޓިކް މިޝަންސްތަކާއި، ޑިޕްލޮމެޓިކް މުވައްޒަފުންނަކީ ވިއެނާ ކޮންވެންޝަންގެ ދަށުންވެސް އިމްތިޔާޒުތަކާއި ރައްކާތެރިކަން ލިބިފައިވާ ތަންތަނާއި ފަރާތްތަކެކެވެ.
އަދި އިސްރާއީލްގެ މި އަމަލުތައް، ކުށްވެރިކޮށް، ބައިނަލްއަޤްވާމީ މުޖުތަމައުން، އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނުތައް މުގުރާލައި ދެމުންދާ ހަމަލާތަކަށް ޖަވާބުދާރީކުރުވައި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި މުޢާހަދާތަކާއި ޑިޕްލޮމެޓިކް އުޞޫލުތަކާ އެއްގޮތަށް ޑިޕްލޮމެޓިކް މިޝަންތައް ހިމާޔަތްކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށްވެސް ގޮވާލަމެވެ.
ނިމުނީ