ބަޔާންތައް

ގުޅިފައިވާ ނޫސް ބަޔާން

ދިވެހި ސަރުކާރާއި ދިވެހިރާއްޖޭގައި ހުންނަ އ.ދ.ގެ އޮފީހުގެ ފަރާތުން، އ.ދ.ގެ ދެމެހެއްޓެނިވި ތަރައްޤީގެ އެއްބާރުލުންދިނުމުގެ އޮނިގަނޑު ނުވަތަ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފްރޭމްވޯކް (ޔޫ.އެން.އެސް.ޑީ.ސީ.އެފް.) 2022-2026 ގެ ޖޮއިންޓް ސްޓިއަރިން ކޮމިޓީ (ޖޭ.އެސް.ސީ.) ގެ ބައްދަލުވުން މިއަދު ބާއްވައިފިއެވެ. ޔޫ.އެން.އެސް.ޑީ.ސީ.އެފް. އަކީ ދެމެހެއްޓެނިވި ތަރައްޤީގެ އެޖެންޑާ 2030 ޙާޞިލްކުރުމަށް ދިވެހިރާއްޖެއިން އިސްކަންދޭ ކަންކަމަށް އ.ދ.ގެ ތަރައްޤީގެ ނިޒާމުން އެއްބާރުލުން ދިނުމަށް ގާއިމްކުރެވިފައިވާ ބްލޫޕްރިންޓެވެ.

ޖޭ.އެސް.ސީ.އަކީ ޔޫ.އެން.އެސް.ޑީ.ސީ.އެފް.ގެ މަސައްކަތުގެ އިސްދާނަވެރި ކޮމިޓީއެވެ. މި ބައްދަލުވުން ކޯ-ޗެއާރ ކުރެއްވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގެ ސެކްރެޓަރީ އިކޮނޮމިކް ކޯޕަރޭޝަން ޑރ. ހުސައިން ނިޔާޒް އާއި އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ، މިސް ކެތްރިން ހެސްވެލްއެވެ. މި ބައްދަލުވުމުގައި ސަރުކާރުގެ ވުޒާރާތަކާއި އ.ދ.ގެ އެޖެންސީތަކާއި، ފަންޑުތަކާއި، ރާއްޖޭގައި ޙަރަކާތްތައް ހިންގާ ޕްރޮގްރާމްތަކުގެ މަންދޫބުން ހިމެނިވަޑައިގެންނެވިއެވެ. ޖޭ.އެސް.ސީ. އިން ކޮންމެ އަހަރަކު އެއްފަހަރު ބައްދަލުކުރަނީ، ފާއިތުވި އަހަރު ލިބިފައިވާ ކުރިއެރުންތައް ރިވިޔުކޮށް، ގޮންޖެހުންތައް ފާހަގަކޮށް، ކުރިއަށް ރޭވިފައިހުރި ޕްލޭންތައް މުރާޖަޢާކޮށް، އަދި ޔޫ.އެން.އެސް.ޑީ.ސީ.އެފް. ތަންފީޒު ކުރުމަށް ސްޓްރެޓެޖިކް އިރުޝާދާއި ލަފާ ދިނުމަށެވެ.

މިއީ، 2022 ވަނަ އަހަރު ޔޫ.އެން.އެސް.ޑީ.ސީ.އެފް. ތަންފީޒުކުރުމާ ބެހޭ ގޮތުންނާއި 2023 ވަނަ އަހަރުގެ ޕްލޭންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޖޭ.އެސް.ސީ. އިން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ. ޙިއްޞާކުރެވޭ ފާގަތިކަމާއި، އެންމެން ޝާމިލުކުރެވޭ އިންސާނީ ތަރައްޤީއާއި، ދެމެހެއްޓެނިވި އަދި މޫސުމީ ބަދަލުތަކަށް ވިލުންވެރި ތިމާވެއްޓަކާއި، މިންތިއަށް ޖަވާބުދާރީވާ، ޙައްޤުތަކުގެ މައްޗަށް ބިނާކުރެވޭ، އަދި ޒިންމާދާރު ވެރިކަމާއި ޢަދުލު އިންޞާފު ޤާއިމުކުރުމަށް އަމާޒުކުރާ ޔޫ.އެން.އެސް.ޑީ.ސީ.އެފް.ގެ ނަތީޖާތައް ޙާޞިލްކުރުމަށްޓަކައި، 2022 ވަނަ އަހަރު، އ.ދ.ގެ 15 އެޖެންސީއަކުން، ސަރުކާރާއި، ޒުވާނުންނާއި، ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ދައުލަތް ހިއްސާވާ ވިޔަފާރި (އެސް.އޯ.އީ.) ތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޖަމިއްޔާތަކާއި، ބިދޭސީންގެ މައްސަލަތަކުގައި މަސައްކަތްކުރާ ޖަމްޢިއްޔާތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، އަމިއްލަ ވިޔަފާރިތަކާއި، އަދި ބައިނަލްއަޤްވާމީ މުޖުތަމަޢު ބައިވެރިވެގެން މަސައްކަތް ކުރަން ފެށިއެވެ.

ޔޫ.އެން.އެސް.ޑީ.ސީ.އެފް. ތަންފީޒުކުރުމުގެ މައިގަނޑު އަސާސަކީ، އިންސާނީ ތަރައްޤީއަށް އިންވެސްޓްކުރުމަށް އަހަންމިއްޔަތުކަން ދިނުމެވެ. ޔޫ.އެން.އެސް.ޑީ.ސީ.އެފް. ތަންފީޒުކުރެވޭނީ ޙައްޤުތަކަށް މަގުފަހިވާނެހެން، އަދި މިންތީގެ ހަމަހަމަކަމާއި، އަންހެނުން ބާރުވެރިކުރުވުމާއި، ދެމެހެއްޓެނިވި ތަރައްޤީއާއި ވިލުންވެރިކަމާއި، އަދި ޖަވާބުދާރީކުރުވުމުގެ އުޞޫލުތައް ދެމެހެއްޓުމާއެކު، އެއްވެސް މީހަކު ބާކީނުވާކަން ކަށަވަރުކޮށްދޭނެ ގޮތެއްގައެވެ. ޔޫ.އެން.އެސް.ޑީ.ސީ.އެފް ތަންފީޒުކުރުމުގައި 2022 ވަނަ އަހަރު ޙާޞިލުކުރެވުނު ނަތީޖާތަކާއި، ކުރިމަތިވި ގޮންޖެހުންތަކާއި ދަސްވި ފިލާވަޅުތަކުގެ ތަފްޞީލު "ޔޫ.އެން. މޯލްޑިވްސް އެނުއަލް ރިޕޯޓް 2022" ގައި ބަޔާންކޮށްފައިވާނެއެވެ. ދިވެހި ސަރުކާރާއި އ.ދ. އިން އުންމީދުކުރަނީ، ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ސަބަބުން 2026 ވަނަ އަހަރު އަންނަންވާއިރަށް ދެމެހެއްޓެނިވި ގޮތެއްގައި ޘަޤާފީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއާއި، ތިމާވެށި ޙިމާޔަތްކުރުމުގައި ހުރިހާ ރައްޔިތުން ވެސް މާނަވީ ގޮތެއްގައި ބައިވެރިވެ، ހިއްސާކޮށްދީ، އަދި ހަމަހަމަކަމާއެކު މަންފާހޯދޭނެހެން ދިވެހިރާއްޖެއިން ކުރާ ދަތުރުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދުމަށެވެ.

ޖޭ.އެސް.ސީ.ގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ، އިކޮނޮމިކް ކޯޕަރޭޝަން އަދި ޖޭ.އެސް.ސީ.ގެ ދިވެހި ސަރުކާރުގެ ކޯ-ޗެއާ ޑރ.ހުސައިން ނިޔާޒު ފާހަގަކުރެއްވި ގޮތުގައި، ކޯޕަރޭޝަން ފްރޭމްވޯކްގެ ސަބަބުން ސަރުކާރުގެ މުހިންމު ބޭނުންތައް ފުއްދުމުގެ ފުރުޞަތު ލިބިގެންދިޔުމުގެ އިތުރުން، މިހާރު އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ. 2019-2023) ގައި ހިމެނިފައިވާ ޤައުމީ ތަރައްޤީއަށް އިސްކަންދޭ ކަންކަން ފުރިހަމަކުރުމަށްޓަކައި، އ.ދ.އާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ޕާޓްނަރޝިޕްގެ ތަފާތު ގުޅުންތައް އަލުން މުރާޖަޢާކޮށް އިތުރަށް ދިރުވައި އާލާކުރުމުގެ ފުރުޞަތު ފަހިވެގެންދެއެވެ.

އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ އަދި ޖޭ.އެސް.ސީ.ގެ އ.ދ.ގެ ކޯ-ޗެއަރ ކެތަރިން ހެސްވެލް ދެއްކެވި ވާހަކަފުޅުގައި، ޔޫ.އެން.އެސް.ޑީ.ސީ.އެފް.ގެ ފުރަތަމަ އަހަރު ތަންފީޒުކުރުމުގައި ފުރިހަމަ ގޮތުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށްޓަކައި ސަރުކާރާއި މަސްލަހަތުދާރުންނަށް ޝުކުރު އަދާކުރެއްވިއެވެ. 2023 ވަނަ އަހަރަކީ ދެމެހެއްޓެނިވި ތަރައްޤީގެ އެޖެންޑާ 2030 ދެބައިހަމަވާ އަހަރުކަން ފާހަގަކުރައްވައި، އަދި ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސް.ޑީ.ޖީ.) ތައް ޙާޞިލްކުރުމަށް ބާކީ އޮތީ އެންމެ 7 އަހަރުކަން ފާހަގަކުރައްވައި، އެއްވެސް ދިވެއްސަކު ބާކީ ނުވާނެހެން ހުރިހާ ބައިވެރިން އެކުގައި މަސައްކަތްކޮށް ކުރިއެރުން ހަލުވި ކުރުމަށް ރެސިޑެންޓް ކޯޑިނޭޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނިއުޔޯކްގައި ބޭއްވުމަށް ހަމަޖެހިފައިވާ ގްލޯބަލް އެސް.ޑީ.ޖީ. ސަމިޓަކީ، ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސް.ޑީ.ޖީ.) ތައް ޙާޞިލްކުރުމަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ޢަޒުމު އާކުރުމަށް ލިބިގެންދާނެ ވަރަށް މުހިންމު ފުރުސަތެއްކަން ރެސިޑެންޓް ކޯޑިނޭޓަރ އިތުރަށް ފާހަގަކުރެއްވިއެވެ.

Tags :

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960