Ref: 2024/Statement/23
ޣައްޒާގެ އަލްތަބިޢީން ސްކޫލަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާ އެންމެ ހަރުކަށި ޢިބާރާތުން ދިވެހި ސަރުކާރުން ކުށްވެރިކުރަމެވެ. އެ ސްކޫލްގައި ވަގުތީ ހިޔާވަހިކަން ހޯދައިގެން ތިބި އެތައް ސަތޭކަ ފަލަސްޠީނުގެ ރައްޔިތުންވަނީ މި ޤަތުލުޢާއްމުގައި މަރުވެފައެވެ. ޣައްޒާގައި ފަލަސްޠީނުގެ އާއްމު ރައްޔިތުން، ޚާއްޞަކޮށް ކުޑަކުދިން ހިމެނޭގޮތަށް އިސްރާއީލުން ހިންގަމުންދާ މިފަދަ ލާއިންސާނީ އަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާއި އދ.ގ ސަލާމަތީ މަޖީލީހުގެ 2610 ޤަރާރާއި މުޅިން ހިލާފު އަމަލުތަކެކެވެ.
ފަލަސްޠީނުގެ ކުށެއް ނެތް ރައްޔިތުންނާ ދެކޮޅަށް އިސްރާއިލުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުއެޅުމަށާއި އިސްރާއީލްގެ އަމަލުތަކަށް އެ ޤައުމު ޖަވާބުދާރީކުރުވުމަށް ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލަމެވެ.
ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ކުރަމުންގެންދާ މިންނެތް މަސައްކަތުގައި، ފަލަސްޠީނާއެކު ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުވެސް ދެމިތިބޭނެއެވެ.
ނިމުނީ