Ref: 2024/Statement/25
އަލްއަޤްޞާ މިސްކިތުގައި ޔަހޫދީ ދީނުގެ ފައްޅިއެއް އެޅުމަށް އިސްރާއީލުގެ ވަޒީރަކު ގޮވާލި ގޮވާލުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
މާތްވެގެންވާ އިސްލާމް ދީނުގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާކަމުގައިވާ އަލްއަޤްޞާ މިސްކިތަކީ ދުނިޔޭގެ 1.8 ބިލިއަނަށްވުރެ ގިނަ މުސްލިމުންނަށް ދީނީގޮތުންނާއި ތާރީޚީ ގޮތުން ވަރަށް މުހިންމު މިސްކިތެކެވެ. އެއީ އިސްލާމީ ތަރިކައިގެ ރަމްޒެއް ވެސްމެއެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދ.ގެ ކަމާބެހޭ ޤަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަލްއަޤްޞާ މިސްކިތުގެ ތާރީޚީ އަދި ޤާނޫނީ ހައިސިއްޔަތަށް އިޙުތިރާމުކުރުމަށް އިސްރާއީލް ސަރުކާރަށް ގޮވާލަމެވެ.
އިސްރާއީލު ސަރުކާރުގެ އިސް ވެރިން ދައްކަވާ މިފަދަ ހަރުކަށި ވާހަކަތަކުގެ ސަބަބުން ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަސައްކަތްތަކަށް ބުރޫއަރައި، ދީނީ ހަމަނުޖެހުންތަކަށް މަގުފަހިވެ، މެދުއިރުމަތީގެ މަސްރަހު އިތުރަށް ހަލަބޮލިވުމުގެ ފުރުޞަތު ބޮޑެވެ.
ޤުދުސްއާއި އެތަނުގެ މުޤައްދަސް ތަންތަނުގެ ޤާނޫނީ ހައިސިއްޔަތު ބަދަލުވެދާނޭފަދަ އެއްވެސް އަމަލެއް ހިންގުން ހުއްޓުވައި ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ދިވެހިރާއްޖެއިން ގޮވާލަމެވެ.
ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ އަމިއްލަ ދައުލަތެއް ޤާއިމުކުރުމަށް ކުރަމުންގެންދާ މިންނެތް މަސައްކަތުގައި އެއްބާރުލުންދިނުންމަތީ ދިވެހި ސަރުކާރުން އަބަދުވެސް ދެމިއޮންނާނޭކަމުގެ ޔަޤީންކަން އަރުވަމެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ އިންތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި އިރުމަތީ ޤުދުސްއަކީ އެ ޤައުމުގެ ވެރިރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ ސިޔާދަތީ އަދި މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ދިވެހި ސަރުކާރުން ގޮވާލަމެވެ.