ޚަބަރު

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރިއަށްދާ ދަ ގެމްބިއާ ވ. މިޔަންމާ މައްސަލައަށް ތަދައްޚުލުވުމަށް އެދި ދިވެހިރާއްޖެއިން ހުށަހެޅި ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން އެ ކޯޓުން ބަލައިގަތުމާގުޅޭ ނޫސް ބަޔާން

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) ގައި ކުރިއަށްދާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ދަ ގެމްބިއާ ވ. މިޔަންމާ)" މައްސަލައަށް ތަދައްޚުލުވުމަށް އެދި ދިވެހިރާއްޖެއިން ހުށަހެޅި ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން ބަލައިގެންނެވުމަށް އައި.ސީ.ޖޭ. ގެ ފަނޑިޔާރުންގެ އިއްތިފާޤުން 3 ޖުލައި 2024 ގައި ވަނީ ނިންމަވައިފައެވެ

އެގޮތުން، ޤަތުލު ޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުޢާހަދާގެ މާއްދާތައް މާނަކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން ގައި ހުރި ކަންކަމަކީ އެ ކޯޓަށް ބެއްލެވޭނެ ކަންކަން ކަމަށް އެ ކޯޓުން ނިންމަވާފައިވެއެވެ. އެ ކޯޓުން މިގޮތަށް ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ އިންޓަރވެންޝަން ބަލައިގެންނެވުމާމެދު މިޔަންމާއިން އިޢުތިރާޟެއް ހުށަހަޅާފައިވަނިކޮށެވެ

ދިވެހިރާއްޖެއިން ތަދައްޚުލުވުމުގެ ފުރުޞަތު ލިބުނު މި މައްސަލައަކީ، މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ ޢަމަލުތަކާ ގުޅިގެން، ދަ ގެމްބިއާ އިން، މިޔަންމާއާ ދެކޮޅަށް 11 ނޮވެމްބަރ 2019 ގައި، އައި.ސީ.ޖޭ. އަށް ހުށަހަޅާފައިވާ މައްސަލައެކެވެ

ރޮހިންޖާގެ މުސްލިމުންނަށް ޢަދުލު އިންސާފު ހޯދައިދިނުމަށާއި، ޤަތުލު ޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުޢާހަދާ ތަންފީޛުކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ކުރާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދިނުމުގައި ސާބިތުކަމާއެކު ދެމިއޮންނާނެއެވެ

ނިމުނީ

ފްރާންސްގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

ފްރާންސްގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރާ "ބަސްޓީލް ޑޭ"ގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު ސްޓިފަން ސެޖޯނޭ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ

މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ

ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ބަސްޓީލް ޑޭ ގެ މުނާސަބަތުގައި މަނިކުފާނަށާއި ފަރަންސޭސިވިލާތުގެ ރައްޔިތުންނަށް ތަހުނިޔާ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ

ރާއްޖެއާއި ފަރަންސޭސިވިލާތާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ތެރެއިން، މި އަހަރަކީ ދެޤައުމުގެ ދެމެދުގައި ޤާއިމްކުރެވުނު ސިޔާސީގުޅުމަށް 55 އަހަރު ފުރޭ އަހަރެވެ. ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެޤައުމުގެ މަސްލަހަތު ހިމެނޭ މަލްޓިލެޓަރަލް ކަންކަމުގައި އެއްބާރުލުން އިތުރުކުރުމަށް، މުސްތަޤްބަލުގައި އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެކަމަށް އަޅުގަނޑު ޔަޤީންކަންކުރަމެވެ

އަދި ފަރަންސޭސިވިލާތުގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދި، މަނިކުފާނަށް ހެޔޮ އެދުންތައް އަރިސްކުރަމެވެ. އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރުއާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ

ޢިރާޤުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ބޮޑު ވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

ޢިރާޤުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރު، ފުވާދު މުޙައްމަދު ޙުސައިންއަށް، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ

މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީއެވެ

ޢިރާޤުގެ ޖުމްހޫރީ ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި ޢިރާޤުގެ ސަރުކާރަށް އަދި ރައްޔިތުންނަށް ތަހުނިޔާ އާއި އިޚުލާޞްތެރި ހެޔޮއެދުންތައް އަރިސްކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ

ދިވެހިރާއްޖެއާއި ޢިރާޤާ ދެމެދު އޮތް އެއްބާރުލުމާއި އެއްބައިވަންތަކަމުގެ ރޫޙު ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެގެންދާނޭކަމަށް އަޅުގަނޑު ޔަޤީންކުރަމެވެ

އަދި މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތާއި ޢިރާޤުގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަން ލިބުމަށް އަޅުގަނޑު އެދެމެވެ

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960