ޚަބަރު

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ވައިސް މިނިސްޓަރ އިންޓަރނޭޝަނަލް ޑިޕާޓްމަންޓް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުން

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ވައިސް މިނިސްޓަރ އިންޓަރނޭޝަނަލް ޑިޕާޓްމަންޓް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުން

Ref: 2024/PR/12

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ވައިސް މިނިސްޓަރ އިންޓަރނޭޝަނަލް ޑިޕާޓްމަންޓް، ހަރ އެކްސަލަންސީ ސުން ހަޔާން ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވައިފިއެވެ. މިމަހުގެ 21 ން 23 އަށް ކުރައްވާ މިދަތުރުފުޅަކީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އަލްފާޟިލް މޫސާ ޒަމީރުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި މަހުގެ ކުރީކޮޅު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެޤައުމުގެ މަތީފަންތީގެ ބޭފުޅަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ވައިސް މިނިސްޓަރ ސުން ހަޔާންއަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުޙަބާ ވިދާޅުވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަލްފާޟިލާ ޝެރީނާ ޢަބްދުލް ޞަމަދު އެވެ.

އެކަމަނާގެ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް މުޙައްމަދު އަސްލަމް އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލް މޫސާ ޒަމީރުގެ އަރިހަށް ވެސް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރުފުޅުގައި އދ. މަހިބަދޫއަށް ޒިޔާރަތް ކުރައްވައި، އެރަށުގެ އިޖުތިމާޢީ ތަރައްޤީއަށް ޗައިނާ ސަރުކާރުން ދެއްވާ އެހީ ހަދިޔާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960