ޚަބަރު

ތުރުކިޔޭން އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާ އައު ސަފީރު ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ޖުލައި 8، 2024 - މާލެ

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރުގެ އަރިހަށް ތުރުކިޔޭ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ސެމީ ލުޓްފު ޓުރްގުޓް އިހްތިރާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ


މި ބައްދަލުކުރެއްވުމުގައި ވަޒީރު މޫސާ ޒަމީރު ވަނީ ސަފީރު ޓުރްގުޓް ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް މިއަދު ހެނދުނު އެރުވުމުން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެފައެވެ. 

ސަފީރު ޓުރްގުޓް ވަނީ ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރައްވައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ތުރުކިޔޭއާއި ރާއްޖެއާ ދެމެދު ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތައް ހޯއްދަވައިދެއްވުމަށް ދިވެހި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ

މި ބައްދަލުވުމުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި ސެކްރެޓަރީ ބައިލެޓަރަލް ޑރ. ހާލާ ހަމީދު އާއި ދިވެހިރާއްޖެއިން ތުރުކިޔޭއަށް ކަނޑައަޅުއްވާ އައު ސަފީރު ލެފްޓިނެންޓް ޖެނެރަލް (ރޓޑ) ޢަބްދުއްރަހީމް ޢަބްދުއްލަޠީފް އާއި ސީނިއަރ އަންޑަރ ސެކްރެޓަރީ ޙަސަން ޙުސެއިން ޝިހާބް އާއި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަޙްމަދު ހާނީ ނަޢީމްގެ އިތުރުން ޗީފް ޑެސްކް އޮފިސަރ އާމިނަތު ޝައިސްތާ ހަމްދާން ޒަކީ ބައިވެރިވެވަޑައިގެންނެވިއެވެ
 
ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960