ޚަބަރު

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާޞަބަތުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، އެ ޤައުމުގެ ޚާރިޖީ ވަޒީރަށް ތަހުނިޔާ ފޮނުއްވައިފި  

Ref: 2025/PR/25

ސްރީލަންކާ ގެ މިނިވަން ކަމަށް 77 އަހަރު ފުރުމުގެ މުނާޞަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، އޮނަރަބްލް އެޗް. އެމް. ވިޖިތަ ހެރަތް އަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާ ފޮނުއްވައިފިއެވެ.

މިނިސްޓަރުގެ މެސެޖުގައި ސްރީލަންކާގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގެ ތަހުނިޔާ އާއި އިޚުލާޞްތެރި ހެޔޮއެދުންތައް އެ މަނިކުފާނާއި، ސްރީލަންކާގެ ސަރުކާރަށާއި ރައްޔިތުންނަށް އަރިސް ކުރެއްވިއެވެ.

އަދި ދިވެހިރާއްޖެ އާއި ސްރީލަންކާ އާ ދެމެދު އޮންނަ ޒަމާންވީ ގާތް އަވައްޓެރި ގުޅުމަށް އަލިއަޅުވާލައްވައި، ސްރީލަންކާ އަކީ ދިވެހިރާއްޖޭގެ ތަރައްޤީ ގެ މުހިއްމު ބައިވެރިއެއް ކަމަށާއި ޚާއްޞަކޮށް ޞިއްޙަތާއި، ތަޢުލީމާއި އިންސާނީ ވަސީލަތާގުޅޭ ދާއިރާއިން އަދި އިޖްތިމާޢީ-އިޤްތިޞާދީ ތަރައްޤީގެ ރޮނގުން ދިވެހިރާއްޖެ އަށް ސްރީލަންކާ އިން ދެމުން ގެންދަވާ އެހީތެރިކަން ފާހަގަ ކުރެއްވިއެވެ. އަދި ދެ ޤައުމުގެ ގުޅުން، އިތުރަށް ބަދަހިކޮށް ފުޅާކުރުމަށް އުއްމީދު ކުރައްވާކަމަށް ވެސް ވިދާޅުވިއެވެ. 

އަދި މި މެސެޖުގައި، އެ މަނިކުފާނު ވަނީ ސްރީލަންކާ ގެ ޚާރިޖީ ވަޒީރަށާއި ސްރީލަންކާގެ ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތާއި އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވެފައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960