ޚަބަރު

ސްރީލަންކާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާ އާ ސަފީރު، ޚާރިޖީ ވަޒީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
Featured

ސްރީލަންކާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާ އާ ސަފީރު، ޚާރިޖީ ވަޒީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

Ref: 2025/PR/305

ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މުޙައްމަދު ރިޒްވީ ހަސަން، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ގެ އަރިހަށް މިއަދު އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާގައި ބޭއްވި މި ބައްދަލުވުމަކީ، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވުނު ރަސްމިއްޔާތަށްފަހު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތެކެވެ. މިބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވަނީ، ސަފީރު މުޙައްމަދު ރިޒްވީ ހަސަން އަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެ އާއި ސްރީލަންކާ އާ ދެމެދު އޮތް ދުވަސްވީ ރަޙްމަތްތެރި ކަމުގެގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާ ކުރާނެ ގޮތްތަކާއި މެދު ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން، އެކި ދާއިރާތަކުން ސްރީލަންކާ އިން ދިވެހިރާއްޖެ އަށް ދެމުންދާ އެހީތެރިކަމާއި އެއްބާރުލުމާއި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިގާތް ގުޅުމާއި ބެހޭގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ރާއްޖޭގެ ތަޢުލީމާއި އިންސާނީ ވަސީލަތްތައް ބިނާކުރުމަށް ސްރީލަންކާ އިން ކުރައްވާ މަސައްކަތްތައް ވަކިން ޚާއްޞަކޮށް ފާހަގަކުރައްވައި އެކަމަށް ޑރ. ޚަލީލު ޝުކުރު އަދާކުރެއްވިއެވެ. ސަފީރު ހަސަން ގެ ވާހަކަފުޅުގައި، ސްރީލަންކާ އާއި ރާއްޖެ އާ ދެމެދު އެކިއެކި ދާއިރާތަކުން މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ސަރަހައްދީ ގުޅުން ހަރުދަނާކުރުމަށް ދެ ޤައުމުން އިސްކަންދޭ ކަންތައް ކުރިއަރުވައި، ދެ ޤައުމަށް ފާއިދާ ވާނެ އެހެނިހެން އިތުރު ދާއިރާތައް ހޯދައި، ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް ބޭނުންފުޅުވާކަމަށް ވިދާޅުވިއެވެ. 

ޚާރިޖީ ވަޒީރު ޑރ. ޚަލީލް ގެ އަރިހުގައި ސެކްރެޓަރީ އާމިނަތު ޝަބީނާ އާއި އެމްބެސެޑަރ-އެޓް-ލާޖް ޢަބްދުﷲ ޙަމީދު އަދި އެޑިޝަނަލް ސެކްރެޓަރީ އާމިނަތު ޢަބްދުالله ދީދީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. 

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960