ޚަބަރު

ސިންގަޕޫރުގެ 59 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު އެޤައުމުގެ ޚާރޖީ ވަޒީރު ޑރ. ވިވިއަން ބާލާ ކްރިޝްނާން އަށް ތަހުނިޔާ ފޮނުއްވައިފި

Ref: 2024/PR/240

ސިންގަޕޫރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު ޑރ.ވިވިއަން ބާލާކްރިޝްނާންއަށް، ޚާރިޖީ ވަޒީރު މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. 

މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީއެވެ.

"ސިންގަޕޫރުގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި ސިންގަޕޫރު ސަރުކާރަށް އަދި ރައްޔިތުންނަށް ތަހުނިޔާއާއި އިޚުލާޞްތެރި ހެޔޮއެދުންތައް އަރިސްކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

ދިވެހިރާއްޖެއާއި ސިންގަޕޫރާއި ދެމެދުގައިވާ ގާތްގުޅުމަކީ އިހުތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގާތްގުޅުމެކެވެ. މި ގުޅުމަށް އަންނައަހަރު ފަންސާސް އަހަރު ފުރޭއިރު، ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ދެޤައުމަށްވެސް ފައިދާކުރަނިވި ދާއިރާތައް ދެނެގަނެ، އެދާއިރާތަކުން އިތުރަށް މަސައްކަތް ކުރުމުގެ އުއްމީދު ކުރަމެވެ. 

މިފުރުސަތުގައި މަނިކުފާނަށް ދުޅަހެޔޮ ސިއްހަތާއި ސިންގަޕޫރުގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އަޅުގަނޑު އެދެމެވެ. 

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ގަދަރު އާކޮށް، އެކަން ޔަގީންކޮށް އަރުވަމެވެ."

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960