ޚަބަރު

ސިންގަޕޫރު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. މުހައްމަދު އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފިއެވެ.

10 އެޕްރީލް 2017، މާލެ

  ސިންގަޕޫރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުނަނަވާ ނަން-ރެސިޑެންޓް ސަފީރު ހިޒް އެކްސެލެންސީ ޗުއާ ތިއާން ޕޮ، އެމަނިކުފާނު މިހާރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ރެޕްރެސެންޓޭޝަނަލް ދަތުރުފުޅުގެ ތެރެއިން، ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވަވާފިއެވެ.

މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި އެކި ދާއިރާތަކުން ދެޤައުމުގެ ގުޅިގެން މަސައްކަތް ކުރެވިދާނެ އިތުރު ދާއިރާތަކާއި މެދު މަޝްވަރާކުރެވުނެވެ.

ސިންގަޕޫރު ސަފީރުގެ ވާހަކަފުޅުގައި އެމަނިކުފާނުގެ މިދަތުރުފުޅަކީ ރާއްޖެއާއި ސިންގަޕޫރާއި ދެ ޤައުމު ގުޅިގެން މަސައްކަތްކުރެވިދާނެ އިތުރު ދާއިރާތައް ދެނެގަތުމަށާއި ދެޤައުމުގެ ގުޅުން އިތުރަށް ޚަރުދަނާކުރުމުގެ މަގުސަދުގައި ކުރައްވާ ދަތުރުފުޅެއްކަން ހާމަކުރެއްވެވިއެވެ. އަދި މިގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް ދިވެހި ސަރުކާރާއިއެކު މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި، ފޮރިން މިނިސްޓަރ އަރިހުގައި ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަ ސަފީރު، ޙަމްދޫން އަބްދުﷲ ޙަމީދު، މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ، އިބްރާހިމް ޝަހީބް އާއި އެސިސްޓެންޓް ޑިރެކްޓަރ، އަހުމަދު ސުޒިލް ‏ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960