ޖުލައި 9، 2024 - މާލެ
ސިންގަޕޫރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސޫ ކޮކް ލެންގް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ
މި ބައްދަލުވުމުގައި މިނިސްޓަރ ޒަމީރު ސަފީރު ސޫ ކޮކް ލެންގް އަށް މަރުހަބާ ދަންނަވައި، ރާއްޖެއާއި ސިންގަޕޫރާއި ދެމެދު އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމަށާއި ސިންގަޕޫރުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ޝައުގުވެރިކަން ފާހަގަ ކުރެއްވިއެވެ
މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި ދެޤައުމަށް ފައިދާކުރަނިވި ދާއިރާތަކުން އިތުރަށް މަސައްކަތްކުރެއްވުމަށް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ
މިނިސްޓަރ ޒަމީރުގެ އަރިހުގައި ސެކްރެޓަރީ ބައިލެޓެރަލް، ޑރ ހާލާ ޙަމީދު، އެޑިޝަނަލް ސެކްރެޓަރީ ފަރުޒާނާ ޒާހިރު އަދި އެސިސްޓަންޓް ޑިރެކްޓަރ އައިޝަތު ޖުމާނާ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ
ނިމުނީ