ޚަބަރު

ސާކް ގެ ސެކްރެޓަރީ ޖެނެރަލް ތައާރަފް ވުމުގެ ގޮތުން ގައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

Ref: 2024/PR/232

ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލް، އެމް.ޑީ. ގޮލަމް ސަރުވާރު މަޤާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ތައާރަފް ވުމުގެ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ. އެ މަނިކުފާނު 15 ވަނަ ސާކް ސެކްރެޓަރީ ޖެނެރަލް ގެ މަގާމާ ހަވާލުވެވަޑައިގެންފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގައެވެ.

އެ މަނިކުފާނުގެ މި ދަތުރުފުޅުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑ.ރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. މީގެ އިތުރުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް، މޫސާ ޒަމީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމުގެ އިތުރުން ފޮރިން ސެކްރެޓަރީ ފާޠުމަތު އިނާޔާ އާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނާ އެކު އަނބިކަނބަލުން ތަސްލީމާ ސަރުވާރު އަދި  ސާކް ސެކްރެޓޭރިއެޓް ޑިރެކްޓަރ،ޝާހިޔާ އަލީމަނިކް  އަދި ބަވެޝް ރ. ޓްރިވެޑީ ބައިވެރިވަޑައިގަންނަވައެވެ .

ދަތުރުފުޅު ނިންމެވުމަށްފަހު އެމަނިކުފާނު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ 8 އޮގަސްޓް 2024 ވަނަ ދުވަހުއެވެ 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960