ޚަބަރު

ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރަށް މިނިސްޓަރު ޒަމީރު ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

Ref: 2024/Ref/309

ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ޚާރިޖީ ވަޒީރު ހިޒް ހައިނަސް ޕްރިންސް ފައިޞަލް ބިން ފަރްޙާން އަލް-ސަޢޫދަށް، ޚަރިޖީ ވަޒީރު މޫސާ ޒަމީރު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީއެވެ.

"ސަޢޫދީ ޢަރަބިއްޔާގެ 94 ވަނަ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި ސަޢޫދީ ސަރުކާރަށް އަދި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރުމަކީ އަޅުގަނޑަށް ލިބޭ އުފަލެކެވެ.

މީގެ 43 އަހަރު ކުރިން، 1981 ވަނަ އަހަރު، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރުމުގެ ކުރިންވެސް އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައި ޒަމާންވީ ގާތް ގުޅުމެއް އޮންނަކަން ފާހަގަކުރަމެވެ. މި ގުޅުމަކީ އިސްލާމީ ތަރިކައާއި ޘަޤާފީ އެއްގޮތްކަމާއި ދެ ރައްޔިތުންގެ ދެމެދުގައި އޮންނަ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ ގުޅުމެކެވެ. އަދި ސަޢޫދީ ޢަރަބިއްޔާއާއެކު ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރުމަށް ދިވެހި ސަރުކާރުން އަހައްމިޔަތުކަން ދޭނޭކަމުގެ ޔަޤީންކަން މި ފުރުޞަތުގައި އަރުވަމެވެ.

މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތާއި ސަޢޫދީ ޢަރަބިއްޔާގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާފާގަތިކަން ލިބުމަށް އަޅުގަނޑު އެދެމެވެ.

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960