ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރާ ދިވެހިންނަށް ވިޒިޓަރ ވިސާ (އީ-ވިސާ ނުވަތަ ވިސާ އޮން-އެރައިވަލް) ދެއްވުމަށް ސަޢޫދީ ސަރުކާރުން ނިންމަވައިފިއެވެ. އަދި ދިވެހިރާއްޖެވަނީ ސަޢޫދީ ޢަރަބިއްޔާއަށް ވިޒިޓަރ ވިސާ ލިބޭ ޤައުމުތަކުގެ ލިސްޓުގައި ހިމަނުއްވާފައެވެ.
މިގޮތަށް ސަޢޫދީ ސަރުކާރުން ނިންމެވުމާއެކު، ދިވެހިން ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރުމުގެ ކުރިން އޮންލައިންކޮށް، އިލެކްޓްރޯނިކް ޕޯޓަލް މެދުވެރިކޮށް އީ-ވިސާ ނެގުމުގެ ފުރުޞަތު އޮންނާނެއެވެ. ނުވަތަ ވިސާއާނުލާ އެ ޤައުމަށް ދަތުރުކޮށް އެއަރޕޯޓުން ވިސާ އޮން އެރައިވަލް ނެގުމުގެ ފުރުޞަތު އޮންނާނެއެވެ.
އީ-ވިސާގައި ދިވެހިންނަށް މަލްޓިޕަލް އެންޓްރީ އުޞޫލުން ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރެވޭނެއެވެ. އަދި 1 އަހަރު ދުވަހުގެ މުއްދަތަކަށް މި ވިސާ ޞައްހަވާއިރު، ކޮންމެ އެންޓްރީއަކަށް ސަޢޫދީ ޢަރަބިއްޔާގައި ގިނަވެގެން 90 ދުވަސް ހޭދަކުރެވޭނެއެވެ. މި އީ-ވިސާގެ ފީއަކީ (މެޑިކަލް އިންޝޫރަންސް އަދި އެޕްލިކޭޝަން ހިމެނޭގޮތަށް 535 ސަޢޫދީ ރިޔާލް (ގާތްގަނޑަކަށް 142.45 އެމެރިކާ ޑޮލަރު) އެވެ.
ވިސާ އޮން-އެރައިވަލްގެ ދަށުން މަލްޓިޕަލް ނުވަތަ ސިންގަލް އެންޓްރީ ވިސާ ލިބޭނެއެވެ. މަލްޓިޕަލް އެންޓްރީ ނުވަތަ ސިންގަލް އެންޓްރީކަން ނިންމަވާނި ސަޢޫދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓްރީންނެވެ. މި ވިސާގެ ފީއަކީ 300 ސަޢޫދީ ރިޔާލް (ގާތްގަނޑަކަށް 80 އެމެރިކާ ޑޮލަރު) އެވެ. އަދި މެޑިކަލް އިންޝޫރަންސަށް އިތުރު 180 ސަޢޫދީ ރިޔާލް (ގާތްގަނޑަކަށް 48.03 އެމެރިކާ ޑޮލަރު) ޚަރަދުވާނެއެވެ. ވިސާ އޮން-އެރައިވަލްގެ ދަށުން ދެއްވާ މަލްޓިޕަލް އެންޓްރީ ވިސާ 1 އަހަރު ދުވަހުގެ މުއްދަތަކަށް ޞައްހަވާނެއެވެ.
ފަތުރުވެރިކަމަށާއި އުމްރާގެ އަޅުކަން އަދާކުރުމަށާއި ވިޔަފާރީގެ ބޭނުންތަކަށް، އަދި ރަހުމަތްތެރިންނާއި ގާތްތިމާގެ މީހުންނާ ބައްދަލުކޮށްލުމަށް އިސްވެ ދެންނެވުނު ވިޒިޓަރ ވިސާގެދަށުން ދަތުރުކުރެވޭނެއެވެ. ނަމަވެސް، ސަޢޫދީ ޢަރަބިއްޔާގައި އެއްވެސް އުޖޫރައެއް ލިބޭގޮތަށް މަސައްކަތްކުރުމަށާއި ޙައްޖުގެ ދުވަސްވަރު އުމްރާކުރުމަށް އެ ޤައުމަށް ދިއުމަށް މި ވިސާ ބޭނުން ނުކުރެވޭނޭކަމަށް ސަޢޫދީ ސަރުކާރުންވަނީ އަންގަވާފައެވެ.
ދިވެހިންނަށް ވިސާނެގުމުގައި މިފަދަ ލުއި ފަސޭހަ ގޮތެއް ސަޢޫދީ ސަރުކާރުން ހަމަޖައްސަވައިދެއްވުމަކީ ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ގާތް އަޚުވަންތަކަމުގެ ގުޅުމާއި ސަޢޫދީ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވާ ޚާއްޞަ އަޙައްމިޔަތުކަން ރަމްޒުކޮށްދޭ ހެއްކެކެވެ.