ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު ޗައިނާއަށް ވަޑައިގެންފި

4 ޖެނުއަރީ 2017، ބެއިޖިންގ، ޗައިނާ – Ref: 2017-003 

ޗައިނާގެ ފޮރިން މިނިސްޓަރު މިސްޓަރ ވަންގ ޔީގެ ދަޢުވަތަކަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު ޢާޞިމް، ރަސްމީ ދަތުރުފުޅެއްގައި މިއަދު ޗައިނާއަށް ވަޑައިގެންފިއެވެ. މިއީ ޚާރިޖީ ވަޒީރުކަމުގެ މަޤާމާއި ހަވާލުވެ ވަޑައިގެންނެވިފަހުން، ރާއްޖެއާއި ގާތްގުޅުމެއް އޮންނަ ޗައިނާއަށް ޑރ. ޢާޞިމް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.    

މިދަތުފުޅުގައި ޚާރިޖީ ވަޒީރު ޑރ. ޢާޞިމް ޗައިނާގެ ފޮރިން މިނިސްޓަރ ހިޒް އެކްސެލެންސީ ވަންގ ޔީގެ އިތުރުން ޗައިނާގެ  ނައިބު ރައީސް ހިޒް އެކްސެލެންސީ މިސްޓަރ ލީ ޔުއާން ޗާއޯއާއި ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި މިދަތުރުފުޅުގައި "ބެއިޖިންގް ފޮރިން ސްޓަޑީޒް ޔުނިވަރުސިޓީ" ގައި  ރާއްޖެއާއި ޗައިނާއާއި ދެމެދު އޮންނަ ގާތް ގުޅުމާއި ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ބެހޭގޮތުން ޚާރިޖީ ވަޒީރު ޑރ. ޢާޞިމް ތަޤްރީރު ކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

ޚާރިޖީ ވަޒީރުގެ މިދަތުރުފުޅުގައި އެވުޒާރާގެ ބައިލެޓެރަލް ސެކެރެޓަރީ އަލްފާޟިލު އަޙުމަދު ޚަލީލް، ވަޒީރުގެ އަރިހުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960